ބުރުނާއީގައި އެއް ޖިންސުން އަދި ކައިވެނިން ބޭރުން ޖިންސީގުޅުން ހިންގާ މީހުން ރަޖަމް ކުރަން ފަށަނީ

މިއަންނަ މަހުގެ 3 ވަނަ ދުވަހުން ފެށިގެން އެއްޖިންސުން އަދި ކައިވެނިން ބޭރުން ޖިންސީ ގުޅުން ހިންގާ މީހުން ރަޖަމް ކުރަން ފަށާނެކަމަށް ބުރުނާއީން ހާމަކޮށްފިއެވެ. އަދި މީގެ އިތުރުން ވައްކަން ކުރާ މީހުންގެ...

28 Mar 2019 | 10:15

މިއަންނަ މަހުގެ 3 ވަނަ ދުވަހުން ފެށިގެން އެއްޖިންސުން އަދި ކައިވެނިން ބޭރުން ޖިންސީ ގުޅުން ހިންގާ މީހުން ރަޖަމް ކުރަން ފަށާނެކަމަށް ބުރުނާއީން ހާމަކޮށްފިއެވެ.

އަދި މީގެ އިތުރުން ވައްކަން ކުރާ މީހުންގެ އަތް ކަނޑާނެކަމަށްވެސް އެގައުމުން ވަނީ އިއުލާނުކޮށްފައެވެ. މިކަން އަންގާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 23 ވަނަ ދުވަހު އެގައުމުގެ ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު އިއުލާނަކުންނެވެ.

އެހެން ނަމަވެސް ބުރުނާއީގެ އިސްލާމިކް އެފެއާސް މިނިސްޓްރީގެ އޮފިޝަލަކު މައުލޫމާތު ދީފައިވާ ގޮތުގައި ޝަރިއާގައި ހިމެނޭ މި އަދަބުތަކާއި ގުޅޭގޮތުން އެގައުމުގެ ރަސްގެފާނު ހަސަނުލް ބޮކްކިޔާ އޭޕްރީލްގެ ތިންވަނަ ދުވަހު އިއުލާނެއް ކުރައްވާނެ ކަމަށެވެ. އަދި މި އަދަބުތައް ދޭން ފަށާނެ ތާރީހެއް ޔަގީންވަނީ މި އިއުލާނަށް ފަހުގައިކަމަށެވެ. އެހެން ނަމަވެސް މި އަދަބުތައް ދޭން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެ ނިމިފައިވާ ކަމަށް މި އޮފިޝިއަލް ވަނީ މައުލޫމާތު ދީފައެވެ.

އިސްލާމީ ޝަރީއާއާއި އެއްގޮތަށް އަދަބުތައް ދޭން ބުރުނާއީން އެންމެ ފުރަތަމަ ނިންމީ 2013 ވަނަ އަހަރުގައެވެ. އެހެން ނަމަވެސް އުސޫލުތައް އެކުލަވާލަން ލަސްވުމާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުގެ ފާޑުކިޔުންތަކާއި ހުރެ މި އަދަބުތައް ދިނުން މަޑުޖައްސާލީއެވެ. މިއަދަބުތައް ދޭން ބުރުނާއީން އަނެއްކާވެސް ތައްޔާރީތައް ވާން ފެށުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ބުރުނާއީގެ މި ނިންމުމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އަދި އެގައުމަށް ފިއްތުންތައް ކުރިމަތިކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށްވެސް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް