ޖިންސީ ކުށް ކުރާ މީހުންގެ ދަފްތަރުގެ ގަވާއިދު އާންމު ކޮއްފި

ޖިންސީ ކުއް ކުރާ މީހުންގެ ދަފްތަރުގެ ގަވާއިދު އާންމު ކޮއްފިއެވެ. ޖިންސީ ކުށް ކުރާ މީހުންގެ ދަފްތަރެއް އެކުލަވާލަން ނިންމައި ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީއިން އާންމުކޮށްފައިވާ ގަވައިދުގައި ބުނެފައިވަނީ ...

28 Mar 2019 | 10:00

ޖިންސީ ކުއް ކުރާ މީހުންގެ ދަފްތަރުގެ ގަވާއިދު އާންމު ކޮއްފިއެވެ.

ޖިންސީ ކުށް ކުރާ މީހުންގެ ދަފްތަރެއް އެކުލަވާލަން ނިންމައި ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީއިން އާންމުކޮށްފައިވާ ގަވައިދުގައި ބުނެފައިވަނީ މި ދަފްތަރުގައި އާންމުކުރާނީ ޖިންސީ ކުށުގެ ގާނޫނުގެ 47 ވަނަ މާއްދާގެ (ހ) ގައި ބުނާ ކުށްތަކުގެ ތެރެއިން ކުށެއް ސާބިތުބެފައިވާ މީހުންގެ މައުލޫމާތު ކަމަށެވެ.

އަދި މި ދަފްތަރުގައި ހިމަނާ މައުލޫމާތުގެ ތެރޭގައި ޖިންސީ ކުށް ސާބިތުވި މީހާގެ ފުރިހަމަ ނަމާއި އާންމުކޮށް ކިޔާނަން، އުފަން ތާރީހު، އުމުރު،، އައިޑީކާޑު ނަންބަރު، ހަށިގަނޑުގެ ސިފަތައް، އިސްކޮޅު، ހަމުގެ ކުލަ އާއި ލޮލުގެ ކުލަ އަދި މީހަގެ ސިފަ ދެނެގަނެވޭނެ ފަދަ ޕާސްޕޯޓު ފޮޓޯ ހިމެނޭނެ ކަމަށާއި، މީހެއްގެ މައްޗަށް ކުށެއް ސާބިތުވެއްޖެނަމަ އެ ކުށާބެހޭ މައުލޫމާތުވެސް ހިމަނަންވާނެ ކަމަށްވެސް އެ ގަވައިދުގައިވެއެވެ.

ހަމައެއާއެކު ކުށެއް ސާބިތުވެގެން ހުކުމް ތަންފީޒުކުރަމުންދާ މީހާ ބަންދުން ދޫކޮއްލާފައިވާކަން، ނުވަތަ ނުވާކަމުގެ މައުލޫމާތުވެސް ހިމަނަންވާނެ ކަމަށްވެއެވެ.

އެހެންނަމަވެސް، 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްޗަށް މިފަދަ ކުށެއް ސާބިތު ވެއްޖެނަމަ އެ ކުއްޖާގެ މައުލޫމާތު ދަފްތަރުގައި ނުހިމެނޭނެ ކަމަށް މި ގަވާއިދުގައި ބުނެފައިވެއެވެ.

އަދި މި ގަވައިދުގައި ބުނެފައިވަނީ މީހެއްގެ މައްޗަށް ޖިންސީ ކުށެއް ސާބިތުވެއްޖެނަމަ، އެ މައްސަލައެއްގެ ޝަރީއަތް ނިމުނު ގޮތުގެ ހުލާސާ ރިޕޯޓުގެ ކޮޕީއެއް، ކޯޓުތަކުން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާ ހިއްސާ ކުރަންވާނެ ކަމަށެވެ.

މީގެއިތުރުން، ޖިންސީ ކުށެއް ސާބިތުވެގެން ބަންދުކޮށްފައިވާ މީހަކު ބަންދުން ވީއްލުމަށް ނިންމައިފިނަމަ، އެ މީހަކު ބަންދުން ދޫކޮށްލައި އާންމުންގެ ތެރެއަށް ނުކުތުމުގެ ފުރުސަތު ހުޅުވައިލުމުގެ 72 ގަޑިއިރުގެ ކުރިން، އެ މީހަކު ބަންދުކޮށްފައި ހުރި މަރުކަޒަކުން، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ލިޔުމަކުން އެކަން އަންގަންވާނެ ކަމަށްވެސް އެ ގަވައިދުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް