ކުރު މުއްދަތެއްގެ ތެރޭގައި 160 ވައުދުގެ 83 އިންސައްތަ ހާސިލުވުމަކީ ކާމިޔާބީއެއްގެ ގޮތުގައި ދެކޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަސް ފާހަގަ ކުރަން ފެއްޓުމުގެ ގޮތުން މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، މުޅިން ހަރާބު ވެފައި އޮތް ހިންގުމުގެ ނިޒާމެއްގެ ތެރެއަށް ވަދެ ކަންކަން އިސްލާހު ކުރަން 100 ދުވަހަކީ ވަރަށް ކުރު މުއްދަތެއް ކަމަށާއި، ނަމަވެސް އެ މުއްދަތުގެ ތެރޭގައި 160 ވައުދުގެ 83 އިންސައްތަ ހާސިލުވުމަކީ ކާމިޔާބީއެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
މިހާތަނަށް ހާސިލު ނުކުރެވި ހުރި ބައެއް ކަންކަމަކީ ދައުލަތުގެ އެހެން އިދާރާތަކާއި، އެހެން މުއައްސަސާތަކާ ގުޅިގެން ފުރިހަމަ ކުރަންޖެހޭ ބައެއް ކަންކަމާއި ގާނޫނީ އޮނިގަނޑަށް ބަދަލު ގެނެސްގެން ކުރަންޖެހޭ ކަންތައްތައް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބައެއް ކަންކަމަކީ ޖުޑިޝަރީ އާއި ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ލިބިގެން ނޫނީ ނުކުރެވޭނެ ކަންތައް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު ކޮރަޕްޝަން ނައްތާލުމުގެ ވައުދުގެ ތެރެއިން ވިސްލް ބްލޮވިން ޕްރޮޓެކްޝަން ބިލާއި ނުޙައްގު މުއްސަނދިކަން ހުއްޓުވުމުގެ ބިލް މިހާރު ވަނީ ރައްޔިތުންގެ މަޖިލިހަށް ފޮނުވައިފާ ކަމާއި، ސިޔާސީ މަގާމުތަކަށް އައްޔަންކުރާ ބޭފުޅުންނާއި އެ ބޭފުޅުންގެ އަނބިންނާއި ފިރިންގެ މުދަލާއި މާލީ ބަޔާން އާއްމުކުރަން ފަށާފައިވާ ކަން ވެސް ފާހަގަކުރެއްވި އެވެ.
އަދި ސިޔާސީ، އިގްތިސާދީ އަދި ޝަރުއީ ދާއިރާ އެންމެ ބޮޑަށް ކިލަނބުވެފައި ވަނީ ކޮރަޕްޝަނާއި ނާޖާއިޒް ފައިދާގެ ސަބަބުން ކަން ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް