ސެޓްލައިޓެއް ވައްޓާލައިފައިވާކަމަށް އިންޑިޔާއިން ދައުވާ ކޮށްފި

އިންޑިޔާއިން ފޮނުވާލި މިސައިލަކުން ދުނިޔޭގެ ޖައްވުން ބޭރުގައިވާ ސެޓްލައިޓެއް ވައްޓާލައިފައިވާކަމަށް އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ. މޯދީ މިކަން އިއުލާނުކުރައްވާފައިވަނީ ޓީވީގެ...

28 Mar 2019 | 04:52

އިންޑިޔާއިން ފޮނުވާލި މިސައިލަކުން ދުނިޔޭގެ ޖައްވުން ބޭރުގައިވާ ސެޓްލައިޓެއް ވައްޓާލައިފައިވާކަމަށް އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

މޯދީ މިކަން އިއުލާނުކުރައްވާފައިވަނީ ޓީވީގެ ޒަރިއްޔާއިން ގައުމާއި މުހާތަބުކޮށް ވާހަކަ ދައްކަމުންނެވެ. މި މުހާތަބުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ އިންޑިޔާއިން އެންޓި ސެޓެލައިޓް މިސައިލެއް ކާމިޔާބު ކަމާއިއެކު ތަޖުރިބާ ކޮށްފައިވާކަމަށާއި މިޝަން ޝަކްތީގެ (މި އޮޕްރޭޝަނަށް ދީފައިވާ ނަން) ހުރިހާ ބައިވެރިންނަށް މަރުހަބާ ކިޔާކަމަށެވެ. އަދި އިތުރު ޓްވީޓެއްގައި ބުނެފައިވަނީ މިޝަން ޝަކްތީއަކީ ވަރަށް އުނދަގޫ އޮޕަރޭޝަނެއްކަމަށާއި، މިކަން ކޮށްފައިވަނީ ބާރު ދުވެއްޔަކާއި ވަރަށް ސީދާ އަމާޒަކުން ކަމަށެވެ. އަދި މީގެން އިންޑިޔާގެ ސައިންޓިސްޓުންގެ ގާބިލިއްޔަތާއި އެގައުމުގެ ޖައްވީ ޕްރޮގްރާމްގެ ކާމިޔާބީ ހާމަވެގެން ދާކަމަށެވެ.

ސެޓެލައިޓެއް ވައްޓާލިކަމަށް އިންޑިޔާއިން ދައުވާ ކުރިނަމަވެސް މިކަން އަދި އިތުރު ގައުމަކުން ޔަގީނެއް ނުކޮށްދެއެވެ. މިއަދާ ހަމައަށް ޖައްވުގައިވާ ސެޓެލައިޓެއް ވައްޓާލުމުގެ ގާބިލުކަން އޮތީ އެމެރިކާ، ޗައިނާ އަދި ރަޝިޔާ އަތުގައެވެ. ސެޓެލައިޓެއް ވައްޓާލުމަކީ ހަނގުރާމައެއްގެ މޫނުމަތި ބަދަލުކޮށްލެވޭނެ ޓެކްނޮލޮޖީއެކެވެ. މި ޓެކްނޮލޮޖީ ހަގީގަތުގައިވެސް އިންޑިޔާއިން ތަޖުރިބާ ކޮށްފައިވާނަމަ ޗައިނާއާއި އިންޑިޔާއާއި ދެމެދު އޮންނަ ވާދަވެރިކަން އިތުރުވެގެން ދާނެއެވެ. ޗައިނާއިން އެންޓި ސެޓެލައިޓް މިލައިލްއެއް އެންމެ ފުރަތަމަ ތަޖުރިބާކުރީ 2007 ވަނަ އަހަރުގައެވެ.

ސިޔާސީ މަޝްރަހު ދިރާސާކުރާ ބައެއް ފަރާތްތަކުން ގަބޫލުކުރާގޮތުގައި މޯދީގެ މި ދައުވާ އަކީ އިންޑިޔާގެ އާމު އިންތިހާބާއި ދިމާކޮށް ރައްޔިތުން ރުއްސަން ދެއްކި ފުލޯކު ވާހަކައެއް ކަމަށެވެ. އެހެން ނަމަވެސް ޓެކްނޮލޮޖީ ދިރާސާކުރާ ގިނަ ފަރާތްތަކުން ދެކޭ ގޮތުގައި އެފަދަ ތަޖުރިބާއެއް ކުރުމެއްނެތި އެވަރުގެ ދައުވާއެއް މިއަދުގެ ތަރައްގީވެފައިވާ ދުނިޔޭގައި ކުރިމަކީ ނާދިރު ކަމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް