ށ. ފުނަދޫގައި އެއާޕޯޓު އެޅުމަށް ހަމަޖެހިފައިވާ ބިން ހިއްކާ ނިންމާލައިފި އެވެ.
އެމްޓީސީސީ އާއި ހަވާލު ކޮށްގެން އެ މަސައްކަތް ފެށީ މިދިޔަ ޖެނުއަރީމަހުގެ ފަހުކޮޅު އެވެ. އެމްޓީސީސީން ބުނީ އިއްޔެ މަސައްކަތް ނިންމާލި އިރު ފުނަދޫގެ އުތުރުކޮޅުގެ ހުޅަނގު ފަރާތު ފަޅުތެރެއިން 21 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށެވެ.
ފުނަދޫ އެއާޕޯޓާއި ކުޅުދުއްފުށީ އެއާޕޯޓުގެ ބިން ހިއްކީ އެމްޓީސީސީގެ މަހާޖައްރާފު ބޭނުން ކޮށްގެންނެވެ.
ބިން ހިއްކައި ނިމުމުން، އެމްޓީސީސީން މިހާރު ކުރަނީ ބިންގަނޑު އެއްވަރުކޮށް، ހިއްކި ސަރަހައްދު ހިމާޔަތް ކުރުމަށް ވަށައިގެން ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ. ފުނަދޫ އެއާޕޯޓު އެޅުމާއި ރަންވޭ އެޅުމުގެ މަސައްކަތްވެސް ހަވާލުކޮށްފައިވަނީ އެ ކުންފުންޏާއި އެވެ.
އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލު ކުރީ ފަސް މަސް ދުވަސްތެރޭގައި ނިންމުމަށެވެ. އެ މަސައްކަތް ހަވާލު ކުރީ 49 މިލިއަން ރުފިޔާ އަށެވެ.
ފުނަދޫ އެއާޕޯޓުގެ އިތުރުން މިއަހަރު ކުޅުދުއްފުށީ އެއާޕޯޓާއި ، ނ މާފަރު އެއާޕޯޓު ހުޅުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް