ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ފޮރިން މިނިސްޓަރު ޑރ މުހައްމަދު އާސިމް ކުވައިތަށް ވަޑައިގެންފި އެވެ.
ފޮރިންގ މިނިސްޓްރީން ބުނީ މި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން ބަދަހި ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މިނިސްޓަރުގެ މި ދަތުރުފުޅުގައި ކުވައިތުގެ ޕްރައިމް މިނިސްޓަރުގެ ނައިބު އަދި މިނިސްޓާ އޮފް ފޮރިން އެފެއާޒް، ޝެއިހް ޞަބާޙް ޢާލް ޚާލިދް ޢާލް ޙަމަދް ޢާލް ޞަބާޙް އާ ބައްދަކުރައްވައި ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި ސަރުކާރުން ގެންދަނީ ބޭރު ގައުމަތަކާއި އެކު ގާތް ގުޅުމެއް ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ސިޔާސީ މަޝްރަހު އޮޅުން ފިލުވައިދިނުމަށް މިދިޔަ މަހު ވަނީ ސައުދީ އަރަބިއްޔާ، ޗައިނާ އަދި ޕާކިސްތާނަށް މިނިސްޓަރުން ވަޑައިގެންފަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރުގެ މި ދަތުރުފުޅުގައި އަރިހުގައި މިނިސްޓްރީގެ ސެކްރެޓަރީ ބައިލެޓްރަލް އަހުމަދު ހަލީލް އާއި ރާއްޖެއިން ކުވައިތަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު އަބްދުﷲ ޙަމީދު އަދި ޑިރެކްޓަރު އަބްދުލް ވާރިޡް ސަޢީދު ބައިވެރިވަޑައިގަންނަވާ ކަމަށެވެ.
މިއަދު ފެއްޓެވި މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިނިސްޓަރު ޑރ މުހައްމަދު އާސިމް އެނބުރި ވަޑައިގެންނަވާނީ މިމަހުގެ 30 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް