ހެޕަޓައިޓިސް ބީ ވައިރަސް ވެކްސިންގެ ފޭކު ބެޗެއް ދުނިޔޭގެ ބައެއް ގައުމުތަކުގައި ދައުރުވަމުންދާތީ ސަމާލުވުމަށް ހެލްތް މިނިސްޓްރީން އިލްތިމާސް ކޮށްފި އެވެ.
އަސްލު ނޫން އުފެއްދުމުގެ ގޮތުގައި ދުނިޔޭގެ މާކެޓްގައި ދައުރުވާ ވެކްސިނަކީ އިންޑިއާގެ ސެރަމް އިންސްޓިޓިއުޓް އިން އުފައްދާ ހެޕަޓައިޓިސް ބީ ވެކްސިން މަލްޓި ޑޯސް (10 އެމްއެލް) ނަމަަކަށް ކިޔާ ބޭހެކެވެ. ހެލްތް މިނިސްޓްރީން ބުނީ އެ ވެކްސިން ޔުގާންޑާގައި ދައުރުވަމުންދާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ސަމާލުވުމަށް އިލްތިމާސް ކޮށްފަ ވާ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ މިހާތަނަށް ބެލި ބެލުމުން އެ ބެޗް ނަމްބަރުގެ އުފެއްދުން ރާއްޖެއަށް އެތެރެވެފައި ނުވާ ކަމަށެވެ. އެކަމަކު އެޗްބީވީ ވެކްސިންއަށް ހާއްސަ ސަމާލުކަމެއް ދީގެން ބޯޑަރުގައި ބަލާ ފާސް ކުރަމުން ގެންދާނެކަމަށެވެ.
އެ ވެކްސިންގެ އަސްލު ނޫން އުފެއްދުން ހިމެނޭ ބެޗު ނަންބަރުތައް ރާއްޖެ އެތެރެ ނުކުރުމަށާއި ނުވިއްކުމަށް ސާކިއުލާގައި އަންގައިފައިވާއިރު، އެ ވެކްސިންއާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަށް ހިއްސާ ކޮށްދުމަށް ސާކިއުލާގައި އެދިފައިވެ އެވެ.
ހެޕަޓައިޓިސް ބީ އަކީ ފުރަމޭ ނުވަތަ މޭގަނޑަށް ޖެހޭ ގައިންގަޔަށްއަރާ ވަރަށް ނުރައްކާތެރި ބައްޔެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް