"ކޮންމެ މީހަކަށްވެސް އޭނާ ބޭނުން ވައްތަރަކަށް، ބޭނުން ގޮތަކަށް އުޅުމުގެ މިނިވަންކަން އޮންނަން ޖެހޭނެއެވެ. އަދި އޭނާ ކޮންމެ ގޮތަކަށް އުޅެމުން ގެންދިޔަޔަސް އެކަމާ އެއްވެސް މީހަކަށް ބަސްބުނުމުގެ ހައްޤެއް ލިބިގެން ނުވެއެވެ. ޚާއްސަކޮށް އެއީ މައިންބަފައިން ނުވަތަ ބަލަދުވެރިއެއް، ނޫންނަމަ ތިމާ އުޅެމުންގެންދާ ގޮތާމެދު އެއްވެސް ނުރުހުންތެރިކަމެއް ފާޅުކުރުމުގެ ހައްޤު އެމީހަކަށް ލިބިގެން ނުވެއެވެ.” މިއީ ވަރަށް ގިނަ ދިވެހި ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުންގެ ވާހަކަ ހުންނަ ގޮތެވެ.
އޭ ލޮބުވެތި މުސްލިމް އަޅުތަކުންނޭވެ. ތިބާމެން މިދެންނެވި ގޮތަކަށް ބަސްބުނެ އުޅުނެއްކަމަކު މިއީ ވަރަށް ބޮޑު ގޯހެކެވެ. އަދި އޮޅުމެކެވެ. ތިމާގެ ގޯސް އުޅުމުގެ ސަބަބުން މުޖުތަމަޢުއަށް ނޭދެވޭ އަސަރެއް ކޮށްފާނެ ކަމުގެ ބިރުއޮތްނަމަ ތިމާގެ އުޅުން ރަނގަޅު ކުރުމަށް ބުނުމުގެ ހައްޤު ހަމަ ކޮންމެ މީހަކަށްވެސް ލިބިގެންވެއެވެ. މުސްލިމް ކޮންމެ އަޚަކަށްވެސް އަދި އުޚުތަކަށްވެސް ތިމާ ެުޅެމުންގެންގާ ގޯސް އުޅުން އިސްލާހު ކުރުމަށް ނަސޭހަތް ދިނުން ވާޖިބު ވެގެންވެއެވެ. އެއީ ދުވަހަކު ނުދަންނަ މީހަކަށް ވިޔަސް ވެހެވެ. ތިމާއަށް ވާޖިބުވަނި ހައްޤު ތެދުބަސް މީހަކު ބުނެފިނަމަ އެބަހަކަށް ތަބާވުމެވެ.
މިހިސާބަށް މިއާރޓިކަލް ކިޔުމަށްފަހު ގިނަ ބަޔަކު ފޫހިވެ އިތުރަށް ނުވެސް ކިޔާފާނެއެވެ. އެއީ އެފަދަ މީހުން ގަޔާ ނުވާ ވާހަކަތަކެއް އޮންނާނެތީއެވެ. ރަނގަޅުގޮތް އެނގުނަސް އެގޮތް ގަބޫލު ކުރަން ބޭނުން ނުވާތީއެވެ. ސައްތައިން ސައްތަ އިސްލާމީ ޤައުމެއްކަމަށްވާ މި ދިވެހި ރާއްޖޭގައި އިސްލާމް ދީނާ އެއްގޮތަށް އުޅެމުންގެންދަނީ ހަޤީޤަތުގައިވެސް މަދު ބަޔެކެވެ. ގިނަ މީހުން ގެންގުޅެނީ ހުޅަނގުގެ ކާފަރުންގެ ގޮތްތަކެވެ. އިސްލާމް ދީނުގައި މުސްލިމްތަކުން އުޅެންވީގޮތް ބަޔާން ކޮށްދެއްވާފައިވަނީ އެބައިމީހުންގެ އެންމެ ފުރިހަމަ ރައްކަލަކަށެކެވެ.
"އަހަރެން އުޅޭ ގޮތާއި ދީނާ އޮތީ ކޮން ގުޅުމެއްހެއްޔެވެ؟ އަހަރެން ދީނަކަށް ފުރައްސާރައެއް ނުކުރެމެވެ. ދެން ކޮބާހޭ މައްސަލައެއް ބުނެ އަހަރެން އުޅެންވީ ގޮތާއި ނޫޅެންވީގޮތް އެނގޭނީ ޚުދު އަހަރެންނަށޭ ބުނެހަދައެވެ. މިއީވެސް ދާދި ފަހުން މުސްލިމް އަޚަކު ބުނި ވާހަކައެކެވެ. މި ފަދަ ގޮތް ގޮތަށް ވާހަކަ ދެއްކާ ހެދުމަކީ ތިމާގެ ހިތްވަރުގަދަކަމާއި މޮޅުކަން ހާމަވާ ކަމެއްނޫނެވެ. އެއިން ހާމަވަނީ ހެއްދެވި ފަރާތުގެ ޢަމުރު ފުޅުތަކަށް ކިޔަމަން ނުވެވޭ މިންވަރާއި، ތިމާ ދީނަށް އިޙުތިރާމް ނުކުރާ ކަމާއި ޤަވައިދުތަކަށް ކިޔަމަން ވުމުގައި ނުކުޅެދިފައިވާ މިންވަރެވެ.
ދީނާ އެއްގޮތަށް އަޅުގަނޑުމެންގެ އުޅުން ބައްޓަން ކުރުމަކީ މުސްލިމެއްގެ ހައިސިއްޔަތުން ކޮންމެ މީހަކަށްވެސް ލާޒިމް އަދި ވާޖިބު ވެގެންވާކަމެކެވެ.
އަހަރެމެން އިންސާނުންނަށް މިނިވަންކަން އިސްލާމް ދީނުގައި ދީފައި ނުވަނީކީ ނޫނެވެ. އަމިއްލަ މިނިވަންކަން ކޮންމެ އިންސާނަކައްމެ ލިބިދީފައި ވެއެވެ. އިސްލާމް ދީނުގައި އެހެން ކަންކަންވެސް އޮންނަ ފަދައިން ވަކި ހައްދެއްގެ ތެރެއިންނެވެ. އިސްލާމް ދީނުގައި އަންގަނީ މާތް ﷲ ހަރާމްކޮށް މަނާކުރައްވަވާފައިވާ އަދި އެކަލާނގެ ރަސޫލާ މަނާކުރައްވަވާފައިވާ ކަންތައްތަކަށް އަރައިނުގަނެ، ދީނުގެ ހުދޫދުގެ ތެރެއިން ކަންކަން ކުރުމަށެވެ.
ތިބާ ހިތުހުރި ގޮތަކަށް ދުނިޔޭގައި އުޅެމުން ގެންދިއުމަކީ ހަލާކުގެ ތެރެއަށް ވެއްޓުމެވެ. އެހެން ކަމުން އުޅުން އިސްލާހުކޮށް ރަނގަޅު މުސްލިމެއްގެ ގޮތުގައި ދުނިޔެ ދޫކޮށް ދާ އަޅަކަށް ވަމާހެއްޔެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް