ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް ރިޕޯޓު ކުރުން އިތުރުވެފައިވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކައިފި އެވެ.
އެ މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުގައި މިދިޔަ މަހު އެ މިނިސްޓްރީއަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 56 ޕަސެންޓު މައްސަލައަކީ ކުޑަކުދިންނަށް އެކި ބާވަތުގެ އަނިޔާތައް ކޮށްގެން ހުށަހެޅިފައިވާ މައްސަލަތަކެވެ. އެއީ 117 މައްސަލަ އެވެ. މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހެޅުނީ 210 މައްސަލަ އެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ގޮތުގައި އެންމެ ގިނައިން ރިޕޯޓު ކޮށްފައިވަނީ ޖިންސީ އަނިޔާ ކުރުމުގެ މައްސަލައެވެ. ޖިންސީ އަނިޔާ ކުރުމުގެ 44 މައްސަލަ ހުށަހެޅިފައިވާއިރު ޖިސްމާނީ ހާނިއްކައިގެ 30 މައްސަލަ އަދި ކުޑަކުދިންނަށް އިހުމާލުވުމުގެ 18 މައްސަލަ ހުށަހެޅުނެވެ.
އެކި ބާވަތުގެ ކުށްކުށުގައި ކުޑަކުދިން ބައިވެރިވުމުގެ 13 މައްސަލައެއް މިދިޔަ މަހު މިނިސްޓްރީއަށް ހުށަހެޅިފައިވެ އެވެ. އަދި ކުޑަކުދިންގެ އަހުލާގާއި ގުޅޭ 17 މައްސަލަ އަކާއި ހައްގުތަކުން ކުޑަކުދިން މަހުރޫމު ކުރުމުގެ މައްސަލައެއް ހުށަހެޅިފައިވެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުން ބޭނުންވެގެން ޖެންޑާ މިނިސްޓްރީގައި އަށް ފަރާތަކުން އެދިފައިވާއިރު އުމުރުން ދުވަސްވީ މީހުންނަށް އަޅާލުން ބޭނުންވެގެން ހަތަރު ފަރާތަކުން ރިޕޯޓު ކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް