ބައިނަލް އަޤުވާމީ އެކުވެރިކަމުގެ މެޗެއްގައި މިރޭ ސްޕެއިން އިން 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން އާޖެންޓީނާ ބަލިކުރިއިރު، ސްޕެއިން އާއި ރެއާލް މެޑްރިޑްގެ މިޑްފީލްޑަރ އިސްކޯ ހެޓްރިކް ހަދައިފިއެވެ.
ވޯލްޑް ކަޕަށް ތައްޔާރުވުމަށް ފޭވަރިޓުންގެ ގޮތުގައި ބަލާ ގަދަ ދެ ބާރު މިރޭ ކުރިމަތިލިއިރު، އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ޓީމުގައި ހިމަނާފައެއް ނުވެއެވެ. އެންމެ ފަހުން އިޓަލީ އަތުން މޮޅުވި މެޗުގައި ވެސް މެސީ ކުޅެފައިނުވާއިރު، އެ ރޭ ނެރުނު ފުރަތަމަ 11 އަށް ކޯޗު ސަމްޕޯލީ 5 ބަދަލެއް ގެނައެވެ. ސްޕެއިން އިން ވެސް މިރޭ ނުކުތީ ޖަރުމަނާ އެއްވަރުވި މެޗުގައި ނެރުނު ފުރަތަމަ 11 އަށް 2 ބަދަލެއް ގެނައުމާއެކުގައެވެ.
ސްޕެއިންގެ ވަންޑަ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ދާދި ހަމަހަމަ ފޯރިގަދަ ކުޅުމެކެވެ. ސްޕެއިންއަށް ގޯލު ހުޅުވާލަދިނީ 12 ވަނަ މިނިޓުގައި ޑިއޭގޯ ކޮސްޓާއެވެ. މިއީ މާކޯ އެސެންސިއޯ ދިން ބޯޅައަކުން ކޮސްޓާ ކާމިޔާބު ކުރި ލަނޑެކެވެ.
ކޮސްޓާގެ ލަނޑަށްފަހު މެޗުގެ 27 ވަނަ މިނިޓުގައި އަނެއްކާ ވެސް އެސެންސިއޯ ދިން ޕާހަކުން އިސްކޯ ކާމިޔާބު ކުރި ލަނޑާއެކު ސްޕެއިން އިން ލީޑު ފުޅާކުރިއެވެ. އެހެން ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އޮޓެމެންޑީ ކާމިޔާބު ކުރި ލަނޑާއެކު އާޖެންޓީނާއިން ފަރަގު ކުޑަކުރިއެވެ.
މެޗުގެ ދެ ވަނަ ހާފު ފެށުމާއެކު ފެނުނީ ފުލުފުލުގައި ކަހަލަ ގޮތަކަށް ސްޕެއިން އިން ހަމަލާތައް އުފައްދައި ލަނޑުތައް ކާމިޔާބު ކުރިތަނެވެ. 52 ވަނަ މިނިޓުގައި އިއޭގޯ އަސްޕަސް ދިން ބޯޅައަކުން އިސްކޯ ދެ ވަނަ ލަނޑެއް ޖަހާ އަނެއްކާ ވެސް ސްޕެއިންގެ ލީޑު ދެ ލަނޑަށް ފުޅާ ކުރިއެވެ.
އޭގެ ތިން މިނިޓު ފަހުން ތިއާގޯ ލަނޑެއް ކާމިޔާބު ކުރިއިރު، 73 ވަނަ މިނިޓުގައި އަސްޕަސް ކާމިޔާބު ކޮށްދިން ލަނޑާއެކު ނަތީޖާ 5-1 އަށް ބަދަލުވިއެވެ. މިއީ ސްޕެއިންގެ ކީޕަރު ޑޭވިޑް ޑެހެއާ މަތިމަތިން ވައްޓާލި ބޯޅައެއް ހޯދާ އަސްޕަސް ޖެހި ލަނޑެކެވެ.
އާސްޕަސްގެ ލަނޑަށްފަހު މެޗުގެ 74 ވަނަ މިނިޓުގައި ސްޕެއިންގެ 6 ވަނަ ލަނޑު އިސްކޯ ކާމިޔާބުކޮށް ހެޓްރިކް ހެދިއެވެ. މި ލަނޑާއެކު ސްޕެއިން ބޮޑު މޮޅެއް ހޯދިއިރު، މި ރޭގެ މެޗުގައި އެ ޓީމުގެ އެޓޭކަރުންގެ ފަރާތުން ފެނުނު ކުޅުމަކީ ވޯލްޑް ކަޕާ ކުރިމަތިލާއިރު، ކޯޗަށް ލިބޭނެ ބޮޑު ހިތްހަމަ ޖެހުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް