މިރޭ ކުޅުނު އެކުވެރިކަމުގެ މެޗެއްގައި 1-0 ގެ ނަތީޖާއިން ދުނިޔޭގެ އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނު ބަލިކޮށް، ވޯލްޑް ކަޕްގެ އެންމެ ކާމިޔާބު ގައުމު ބްރެޒިލް އިން، 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި 7-1 އިން ޖަރުމަނު އަތުން ބަލިވި ބަލިވުމުގެ ބަދަލު ހިފައިފިއެވެ.
ޖޫން މަހުގެ 14 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގެ ފޭވަރިޓުންގެ ލިސްޓުގައި ގުނާ މި ދެ ގައުމުގެ ކުރިމަތި ލުމުގައި، ބްރެޒިލް އިން ކުރި ހޯދިއިރު، އެ ޓީމުގެ ފަރާތުން މުޅި ޖުމްލަކޮށް ވަނީ ވަރަށް މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.
އަނެއް ކޮޅުން، އާންމުކޮށް ފުރަތަމަ 11 އިން ފެންނަ ބައެއް ކުޅުންތެރިން ނުލާ ކުޅުނު ޖަރުމަނަށް 22 މެޗަށް ފަހު ބައްޔަކާ ކުރިމަތިލާން ޖެހުނުއިރު މި ނަތީޖާއިން މާ ބޮޑު އަސަރެއް ނުކުރާނެކަމަށް ބެލެވުނު ނަމަވެސް، ވޯލްޑް ކަޕްގެ ތަށި ދިފާއު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ވަރަށް އުނދަގޫވާނެކަން މި މެޗުން ވަނީ ފެނިގެން ގޮސްފައެވެ.
ޖަރުމަނުގެ ބާލިންގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ 35 ވަރަކަށް މިނިޓު މެޗު ކޮންޓްރޯލް ކުރީ ޖަރުމަނުންނެވެ. އެހެންނަމަވެސް ފުރަތަމަ ހާފުގެ ފަހުކޮޅު ވިލިޔަމް ނަގައިދިން ހުރަހަކުން މެންޗެސްޓާ ސިޓީއަށް ކުޅޭ ޒުވާން ފޯވާޑް ގަބްރިއަލް ޖީސަސް ލަނޑު ޖަހައި ބްރެޒިލްއަށް ލީޑު ނަގައިދިނެވެ.
ދެ ވަނަ ހާފުގައި ބްރެޒިލްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު، ނަތީޖާ ހަމަހަމަ ކުރުމަށް މެޗުގެ ފަހު ބައިގައި ޖަރުމަނު ވަރަށް ބޮޑަށް ކުރިއަށް ޖެހި މަސައްކަތް ކުރިއެވެ. އެހެންނަމަވެސް މެޗު ނިމުނީ އިތުރު ލަނޑެއް ނުފެނިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް