ފުލުހުންގެ ބަންދުގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް އާއި، ޕްރޮގްރާމް ހެޑް އާމިރު ސަލީމް ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.
އެމީހުން ހައްޔަރު ކުރީ ފުލުހުންގެ ޔުނިފޯމްގައި ތިބި ބަޔަކު އިންޒާރު ދޭ ވީޑިއޯއެއް ހެދި ކަމުގެ ތުހުމަތުގައި އެވެ. މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ދެމީހުންވެސް ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ނެވެ.
ކޯޓުން އެމީހުން ދޫކޮށްލީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ދެވަނަ ފަހަރަށް ހާޒިރު ކުރުމުންނެވެ.
އެ ދެ މީހުންނާއި ހަވާލާދީ ރާއްޖެ ޓީވީން ބުނެފައިވަނީ އެފަދަ އަމަލެއް އެމީހުން ނުކުރާ ކަމަށެވެ. އެ ދެ ނޫސްވެރިން ހައްޔަރުކުރީ އެ ސްޓޭޝަން ބަންދު ކުރުމުގެ ނިޔަތުގަ ކަމަށާއި ގާނޫނާ ހިލާފް އެއްވެސް ކަމެއް ކުރަން އެ ސްޓޭޝަނުން ހިތްވަރު ނުދޭ ކަމަށް ވެސް ބުންޏެވެ.
ދެ ނޫސްވެރިންގެ އިތުރުން މި މައްސަލައިގަ ދެން ހައްޔަރު ކުރީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ ރައީސް ހަސަން އިސްމާއީލް އެވެ. އެނާ ދޫކޮށްލީ މިދިޔަ ހޮނިހިރު ދުވަހު ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރު ކުރުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް