އީރާނުގެ 24 ޕްރޮވިންސަކުން 201 މީހުން މަރުވެ، ކުޑަކުދީން ކިޔަވަން ތިއްބާ ސްކޫލެއް ބޮމުން ސުންނާފަތިކޮށްލައިފި

އެމެރިކާ-އިސްރާއީލުގެ ގުޅިފައިވާ ޢުދުވާނުގައި އީރާނުގެ 24 ޕްރޮވިންސަކުން މަދުވެގެން 201 މީހުން ޝަހީދުވެފައިވާ ކަމަށް އީރާނުގެ ރެޑް ކްރެސެންޓާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ. މި ހަމަލާތައް ފެށީ މިއަދު ހެ...

28 Feb 2026 | 18:17
ހަމަލަ އަމާޒުވި ސްކޫލު - އެކްސް ފޮޓޯ: އަގާރްޗީ

ހަމަލަ އަމާޒުވި ސްކޫލު - އެކްސް ފޮޓޯ: އަގާރްޗީ

އެމެރިކާ-އިސްރާއީލުގެ ގުޅިފައިވާ ޢުދުވާނުގައި އީރާނުގެ 24 ޕްރޮވިންސަކުން މަދުވެގެން 201 މީހުން ޝަހީދުވެފައިވާ ކަމަށް އީރާނުގެ ރެޑް ކްރެސެންޓާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

މި ހަމަލާތައް ފެށީ މިއަދު ހެނދުނު، ރޯދަ މަހުގެ ހޮނިހިރު ދުވަހެއްގައި، އީރާނުގެ ރައްޔިތުން މަސައްކަތަށް ނުކުމެ ކުދީން ސްކޫލަށް ގޮސް ތިއްބައެވެ.

މަސްދަރުތައް ބުނާގޮތުން އެންމެ ބޮޑު ހިތާމައެއް ލިބުނީ ދެކުނު އީރާނުގެ ހޮރމުޒްގާން ޕްރޮވިންސުގެ މީނާބް ގައި ހުރި އަންހެން ކުދީންގެ ޕްރައިމަރީ ސްކޫލަކަށް ދިން ހަމަލާއިންނެވެ. ކިޔެވުން ކުރިއަށް ދަނިކޮށް ދިން މި ހަމަލާގައި 85 ކުޑަކުދީންނާއި މުދައްރިސުން ޝަހީދުވި ކަމަށް ރިޕޯޓުތައް ބުނެއެވެ. ތެހެރާނުގެ އިރުމައްޗެއްގައި ހުރި ސްކޫލަކަށް ދިން ވަކި ހަމަލައެއްގައި ދެ ދަރިވަރަކު ޝަހީދުވިއެވެ. އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ބުނީ "ކުޑަކުދީންނާ ފުރިފައިވާ ސްކޫލެއް ދުވާލުގެ އަލީގައި ބޮމުން ފުނޑާލީ" ކަމަށާއި، "މި ޖަރީމާތަކަށް ޖަވާބު ނުދީ ނުތިބޭނެ" ކަމަށެވެ.

ޓްރަމްޕް ބުނީ އީރާނުގައި "ބޮޑު އަސްކަރީ ޢަމަލިއްޔާތެއް" ފެށި ކަމަށާއި، ބޭނުމަކީ "އީރާނުގެ ވެރިކަން ވައްޓާލުން" ކަމަށެވެ. ނެތަންޔާހޫ ބުނީ ހަމަލާ "ބޭނުން ވާހާ ދުވަހެއް ވަންދެން" ކުރިއަށް ގެންދާނެ ކަމަށެވެ. ނަމަވެސް "އަސްކަރީ އަމާޒުތަކަށް" ހަމަލާ ދެނީ ކަމަށް ބުނެ ސްކޫލެއް ބޮމުން ސުންނާފަތިކޮށް ކުޑަކުދީން ޤަތުލުކުރުމުން، އެ ދައުވާގެ ތެދުކަމާ މެދު ސީރިއަސް ސުވާލުތައް އުފެދެއެވެ.

މި ޢުދުވާން ފެށީ ޢުމާންގެ މެދުވެރިކަމުގައި ނިއުކްލިއާ މަޝްވަރާތައް ކުރިއަށް ދަނިކޮށެވެ. ރޭ ޢުމާންގެ ޚާރިޖީ ވަޒީރު ވިދާޅުވެފައި ވަނީ "ޞުލްޙަ އަތުޖެހޭ ހިސާބުގައި" އޮތް ކަމަށާއި، އީރާނުން ޔޫރޭނިއަމް ސްޓޮކްޕައިލް އެންމެ ދަށް މިންވަރަށް ތިރިކުރަން އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް އެ މަޝްވަރާ ނާކާމިޔާބުވާ ގޮތަށް ހަމަލާ ފެށީ ކަމަށް ބެލެވެއެވެ.

އީރާނުން ރައްދުގައި އިސްރާއީލާ ދިމާއަށް ބެލިސްޓިކް މިސައިލް ފޮނުވުމުގެ އިތުރުން، ބަޙްރައިން، ޤަޠަރު، ކުވައިތު، ޔޫއޭއީ، އުރުދުން، ސައޫދީ އަދި ޢިރާޤުގައި ހުރި އެމެރިކާ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދީފައިވެއެވެ. ޤަޠަރުން ބުނީ އެ ޤައުމަށް އަމާޒުކުރި ހުރިހާ މިސައިލެއް ވައްޓާލި ކަމަށެވެ. ޔޫއޭއީގައި އެކަކު މަރުވި ކަމަށް ދައުލަތުގެ ނޫހުން ބުނެއެވެ. ޢުމާން ފިޔަވައި ގަލްފުގެ ހުރިހާ ޤައުމަކަށް ހަމަލާ ދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް