ޓްރަމްޕް ބުނީ ހިފެހެއްޓި ބޯޓުގައި ހުރީ ޗައިނާއިން އީރާނަށް ފޮނުވި "ވެރީ ޓޮޕް ސީކްރެޓް" ހަދިޔާ ކަމަށް

އެމެރިކާގެ ނޭވީން ހިފެހެއްޓި އީރާނުގެ ކާގޯ ބޯޓެއްގައި ހުރި ތަކެއްޗާ ބެހޭ ގޮތުން ސީދާ ތަފްސީލެއް ދިނުމަށް ދެކޮޅު ހަދައި، އެއީ "ވެރީ ޓޮޕް ސީކްރެޓް" ކަމަށާއި، ޗައިނާއިން އީރާނަށް ފޮނުވި "ހަދިޔާ" އެއް ކަމ...

24 Apr 2026 | 05:26
N/A

N/A

އެމެރިކާގެ ނޭވީން ހިފެހެއްޓި އީރާނުގެ ކާގޯ ބޯޓެއްގައި ހުރި ތަކެއްޗާ ބެހޭ ގޮތުން ސީދާ ތަފްސީލެއް ދިނުމަށް ދެކޮޅު ހަދައި، އެއީ "ވެރީ ޓޮޕް ސީކްރެޓް" ކަމަށާއި، ޗައިނާއިން އީރާނަށް ފޮނުވި "ހަދިޔާ" އެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕް މި ވާހަކަ ފުރަތަމަ ދެއްކީ އަންގާރަ ދުވަހު ސީއެންބީސީ އަށް ދިން އިންޓަވިއުއެއްގައެވެ. އެ އިންޓަވިއުގައި ޓްރަމްޕް ބުނީ "އިއްޔެ ބޯޓެއް ހިފެހެއްޓީމު، އެ ބޯޓުގައި ރަނގަޅު ނޫން އެއްޗެހި ހުރި، ޗައިނާއިން [އީރާނަށް] ފޮނުވި ހަދިޔާއެއް" ކަމަށެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިންގް އާ ދެމެދު އީރާނަށް ހަތިޔާރު ނުފޮނުވާނެ ކަމުގެ އެއްބަސްވުމެއް އޮތް ކަމަށް ހީކުރި ކަމަށާއި، މިކަމާ "ހައިރާންވީ" ކަމަށް ވެސް ޓްރަމްޕް ބުންޏެވެ. ބުރާސްފަތި ދުވަހު ވައިޓް ހައުސްގައި ނޫސްވެރިން ބޯޓުގައި ހުރީ ކޯއްޗެއްތޯ ސުވާލުކުރުމުން ޓްރަމްޕް ބުނީ "އާ، އެއްޗެހި ހުރި، އެކަމަކު އެއީ ޓޮޕް ސީކްރެޓް" ކަމަށެވެ.

މި ބޯޓަކީ އީރާނުގެ ޤައުމީ ޝިޕިންގ ލައިނުގެ "ތޫސްކާ" ނަމަކަށް ކިޔާ ގާތްގަނޑަކަށް 900 ފޫޓު ދިގު ކާގޯ ބޯޓެކެވެ. 2018 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސެންކްޝަން ލިސްޓުގައި ހިމެނޭ މި ބޯޓު ހިފެހެއްޓީ މިދިޔަ އާދީއްތަ ދުވަހު ގަލްފް އޮފް އޮމާން ގައެވެ. ޗައިނާގެ ބަނދަރުތަކުން ފުރައިގެން މެލޭޝިއާގެ ޕޯޓް ކްލެންގް ގައި ނުވަ ދުވަހު ބަނދަރުކުރުމަށް ފަހު އީރާނުގެ ބަންދަރު ޢައްބާސް އަށް ދަތުރުކުރަނިކޮށް، ހަ ގަޑިއިރު ވަންދެން އިންޒާރު ދީގެން ވެސް ބޯޓު ނުހުއްޓުމުން، މަނަވަރު USS Spruance އިން ބޯޓުގެ އިންޖީނު ރޫމަށް ބަޑިޖެހި ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުންޏެވެ. އެއަށް ފަހު މެރީންސް ހެލިކޮޕްޓަރުން ބޯޓަށް ފައިބައި ކޮންޓްރޯލް ނެގީއެވެ.

އެމެރިކާގެ ކުރީގެ އެމްބެސެޑަރު ނިކީ ހެއިލީ ބުނީ މި ބޯޓު ދަތުރުކުރީ ޗައިނާއިން އީރާނަށް ކަމަށާއި، "މިސައިލަށް ބޭނުންވާ ކެމިކަލް ޝިޕްމެންޓާ ގުޅުން ހުރި" ކަމަށެވެ. ނަމަވެސް އީރާނުގެ ރެޑް ކްރެސެންޓުން ބުނީ ބޯޓުގައި ހުރީ ޑަޔަލިސިސް ބަލިމީހުންނަށް ބޭނުންވާ ސިއްޙީ ސާމާނު ކަމަށާއި، ބޯޓު ހިފެހެއްޓުމަކީ ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފު ކަމެއް ކަމަށެވެ. ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ގޯ ޖިއާކުން ވެސް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. ގޯ ބުނީ "އެއީ ބޭރު ދިދައިގެ ކޮންޓެއިނާ ޝިޕެއް" ކަމަށާއި ނުބައި ނިޔަތުގައި ޗައިނާއާ ގުޅުވައި ވާހަކަ ފެތުރުމާ ދެކޮޅު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް