ޗައިނާއިން މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮރޯނާ ވައިރަސް އީރާންގެ ވުމެން އެންޑް ފެމެލީ އެފެއާޒްގެ ނައިބު ރައީސް މައުސޫމާ އިބްތިކާރަށް ޖެހިއްޖެ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެ ގައުމުގެ ސަރުކާރުން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.
މައުސޫމާއަށް ކޮރޯނާ ވައިރަސް އަށް ޕޮސިޓިވް ވިޔަސް ހާލު މާ ސީރިއަސް ނޫން ކަމަށްވެ އެވެ. އެހެންވެ ހޮސްޕިޓަލްގައި އަދި އެޑްމިޓެއް ނުކުރެ އެވެ.
މައުސޫމާ މަޝްހޫރުވެފައިވަނީ1979 ވަނަ އަހަރު އީރާންގެ ވެރިރަށް ތެހެރާންގައި ހުންނަ އެމެރިކާ އެމްބަސީގައި ހިފެހެއްޓިފައި ތިބި ބައެއްގެ ތަރުޖަމާނުގެ ގޮތުގައި މަސައްކަތް ކޮށްފައިވާތީ އެވެ. އޭނާ ތަރުޖަމާނުގެ ގޮތުގައި މަސައްކަތް ކުރީ އިނގިރޭސިން ވާހަކަ ދައްކަން އިނގޭތީ އެވެ.
މައުސޫމާގެ އިތުރުން އެ ގައުމުގެ ހެލްތު މިނިސްޓަރުގެ ނައިބް އިރާޖް ހަރިރްޗީވެސް ވަނީ އެ ބައްޔަށް ޕޮސިޓިވް ވެފައި އެވެ. އެކަން ހާމަކުރީ އޭނާ އަމިއްލައަށް ކުރި ވީޑިއޯއެއް އާންމުކޮށްފަ އެވެ.
އީރާންގައި ކޮރޯނާ ވައިރަަސް ފެތުރެމުންދަނީ ޝިއައީންގެ އާބާދީ ބޮޑު ސިޓީއެއް ކަމަށްވާ ގުމްގަ އެވެ. އީރާނުން ކޮރޯނާވައިރަހުގައި މިހާތަނަށް ވަނީ 20 އަށްވުރެ ގިނަ މީހުން މަރުވެފަ އެވެ. އަދި150 އެއްހާ މީހުން ވަނީ ވައިރަސްއަށް ޕޮސިޓިވްވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް