ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބަކަށް ސިޔާސަތުތަކަކާއި ވައުދުތަކެއް ހިފައިގެން ނިކުންނަނީ ހަމައެކަނި އެމްޑީޕީ ކަމަށާއި އެހެން ހުރިހާ ޕާޓީތަކަކުން ކުޅެމުން އަންނަނީ ޗަރުކޭސް ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރައްޔިތުން މަޖިލީހުގައި އިއްޔެ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަޖިލިސް މެންބަރުންނަކީ ބޮޑު އަރަތެއް ކަމަށެވެ. އިންތިހާބު ބޯމަތިވެފައި ވަނިކޮށް ގާނޫނެއް އެއް ގޮތަކަށް ބަދަލުކޮށްފާނެ ކަމަށާއި އަނެއް ދުވަހު ހަމަ އެ ގާނޫނު ކުރިން ހުރި ގޮތަށް ރުޖޫއަކޮށްފާނެ ކަމަށް އީވާ ވިދާޅުވި އެވެ. ނަމަވެސް އެ މެންބަރުން އެ ކުރައްވާ މަސައްކަތަކަށް އެމްޑީޕީގެ މާ ބޮޑު ކަންބޮޑުވުމެއް ނެތް ކަމަށް އީވާ ވިދާޅުވި އެވެ.
އެމްޑީޕީ އިން އުޅެނީ އެފަދަ ޗަރުކޭސް ކުރައްވާކަށް ނޫން ކަމަށާއި އެ ޕާޓީ އިން މަސައްކަތް ކުރާނީ ރައްޔިތުންނާ ގުޅުން ހުރި ސިޔާސަތުތަކެއް އެކުލަވާލައިގެން އެ ސިޔާސަތުތައް ގާނޫނުތަކަށް ހަދަން ރައްޔިތުންނާ ކުރިމަތިލައިގެން އިންތިހާބު ކާމިޔާބު ކުރަން ކަމަށް އީވާ ވިދާޅުވި އެވެ.
އީވާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތަކަށް ގާނޫނީ އޮނިގަނޑެއް ފަރުމާކޮށްގެން ރައްޔިތުން މަޖިލީހަށް ކުރިމަތިލައްވަނީ ހަމައެކަނި އެމްޑީޕީ އިން ކަމަށެވެ. ވައުދުތަކަކާއި ގާނޫނުތަކަކާއެކު ނިކުންނަނީ ހަމައެކަނި އެމްޑީޕީ އިން ކަމަށާއި އެހެން ހުރިހާ ޕާޓީއަކުން ޗަރުކޭސް ކުޅެމުންދާ ކަމަށް އީވާ ވިދާޅުވި އެވެ. އަދި ރައްޔިތުންނާ ގުޅުން ހުރި އެއްވެސް ކަމެއް ނުކުރައްވާ ކަމަށާއި ރިޔާސީ ކޮމިޝަންތަކަށް ބާރު ނުދެވުމަކީ އޭގެ މިސާލެއް ކަމަށް އީވާ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް