ރާއްޖޭން ޖަރުމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ލަތީފު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ޖަރުމަންގެ ރައީސް ފްރޭންކް ވޯލްޓާ ޝްޓައިންމަޔާއަށް މިއަދު އަރުވައިފިއެވެ.
ލަތީފް ސަފީރު ކަމުގެ ފަތްކޮޅު އަރުވާފައި ވަނީ އެކަމަށްޓަކައި މިއަދު ހެނދުނު ޖަރުމަނުގެ ރައީސްގެ ރަސްމީ ގެކޮޅު، ޝްނޮސް ބެލެވޫގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެރަސްމިއްޔާތައް ފަހު ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ މުނާސަބަތުގައި ޖަރުމަންގެ ރައީސް، ސަފީރަށް ތަހުނިޔާ ދަންނަވައި ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ލަތީފް ވަނީ ޖަރުމަންގެ ރައީސް އަދާކުރެއްވި މެހެމާންދާރީއަށް ޝުކުރު ދަންނަވާ، ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ރަޙްމަތްތެރި ގުޅުމަށް އަލިއަޅުއްވާލައްވާ، އެމަނިކުފާނުގެ ސަފީރުކަމުގައި އެގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން އަރުވާފައެވެ.
އޭގެއިތުރުން، ރާއްޖެއަށް އިގްތިސާދީ ގޮތުން އެންމެ ފައިދާ ކުރަނިވި އެއް ދާއިރާއަކީ ފަތުރުވެރިކަންކަމަށް ވެފައި، ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރަނީ ޖަރުމަނުންކަން ފާހަގަ ކުރެއްވިއެވެ.
އެރަސްމިއްޔާތުގައި ލަތީފުގެ އަރިހުގައި ބައިވެރިވެވަޑައިގަތީ އެމަނިކުފާނުގެ އަނބިކަނބަލުން ފަޒީނާ އަހުމަދު ދީދީއާއި، ޖަރުމަންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިޔުޓީ އެމްބަސަޑާ މުހައްމަދު ޖިނާޙާއި، މިނިސްޓާ ކައުންސެލާ ޝިރުޒިމަތު ސަމީރު އަދި ސެކަންޑް ސެކްރެޓަރީ ހުސެއިން ޖައްހާޒްއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް