އަލްހާން ސްޓްރީޓް ސޮކާ ކަޕް އެއް ފަށަނީ

ހެންވޭރު އުތުރު ދާއިރާއަށް ވާދަ ކުރައްވާ ޖޭޕީގެ ކެންޑިޑޭޓް އަލްހާން ފަހުމީ ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ، "އަލްހާން ސްޓްރީޓް ސޮކާ ކަޕް" ފަށަން ތައްޔާރުވެއްޖެ އެވެ. މާލޭގެ އެކި ސަރަހައްދުތަކުން ޒު...

28 Feb 2019 | 06:56

ހެންވޭރު އުތުރު ދާއިރާއަށް ވާދަ ކުރައްވާ ޖޭޕީގެ ކެންޑިޑޭޓް އަލްހާން ފަހުމީ ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ، "އަލްހާން ސްޓްރީޓް ސޮކާ ކަޕް" ފަށަން ތައްޔާރުވެއްޖެ އެވެ.

މާލޭގެ އެކި ސަރަހައްދުތަކުން ޒުވާން ޓީމްތަކަށް ހުޅުވާލައިގެން ބާއްވާ އެ މުބާރާތުގައި 33 ޓީމް ބައިވެރިވެފައިވާ އިރު ރޭ ވަނީ ޓީމްތަކުގެ މެދުގައި ގުރު ނަގައިފަ އެވެ. އަދި އަލްހާން ވަނީ އެ މުބާރާތުގައި ބައިވެރިވާ ޓީމްތަކަށް ޖޯޒީ ހަވާލު ކުރައްވައިފަ އެވެ.

އަލްހާންގެ މައި ކެމްޕޭން ޖަގަހައިގައި ރޭ ބޭއްވި އެ ހަފްލާގައި ވާހަކަ ދައްކަވަމުން އަލްހާން ވިދާޅުވީ، އެ މުބާރާތުގެ ބޭނުމަކީ ސިޔާސީ ގޮތުން ފޯރި ގަދަ މި ދުވަސްވަރު ޒުވާނުންގެ މެދުގައި އެއްބައިވަންތަކަށް އާލާކޮށް އެކަތިގަނޑެއްގެ ގޮތުގައި ތިބޭ ބަޔަކަށް ހެދުމެވެ.

އޭނާ ވިދާޅުވީ "ދަވޭ ފޯވާޑް" ނޫނީ ކުރިއަށް ދާންވީ މަގުގެ ޝިއާރުގެ ދަށުން އެ މުބާރާތް ބާއްވަނީ، އަލްހާން މަޖިލީހުގެ ގޮނޑިއަކަށް ހޮވުމުގެ ބޭނުމުގައި ނޫން ކަމަށާއި މުޅި ރާއްޖެ ތަރައްގީ އާއި ތަހުޒީބުގެ މަގަށް ގެންދިޔުމަކީ އޭނާގެ ވިސްނުމަކަށް ވާތީ ކަމަށެވެ.

ޓީސީ ސްޕޯޓްސް ކްލަބާ ހަވާލުކޮށްގެން ބާއްވާ، "އަލްހާން ސްޓްރީޓް ސޮކާ ކަޕް" ގައި ފުރަތަމަ ބުރުގައި ހުރިހާ ޓީމެއް ވެސް އެއް ޓީމް އަނެއް ޓީމާ ކުޅޭނެ އެވެ. އަދި ނޮކްއައުޓް ފެށޭނީ ދެވަނަ ބުރުން އެވެ. އެ މުބާރާތުގެ އެއްވަނަ ޓީމަށް 50،000 ރުފިޔާ އަދި ދެވަނަ ޓީމަށް 25،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ފެއާ ޕްލޭ ޓީމާއި އެންމެ މޮޅު ކުޅުންތެރިޔާ އަދި ފެއާ ޕްލޭ ކުޅުންތެރިން ހޮވުމަށް ވެސް ވަނީ ހަމަޖެފިފަ އެވެ.

މުބާރާތް ފަށާނީ މާދަމާ ހަވީރު 4:00 ގައި ހެންވޭރު ކޮޅު ޓާފް ދަނޑުގަ އެވެ. އަދި މުބާރާތުގެ ނިމުން އޮންނާނީ މާޗް ހަތް ވަނަ ދުވަހު އެވެ.

މުބާރާތުގައި ބައިވެރިވާ ޓީމްތަކަށް އަލްހާން ރޭ ވަނީ އިލްތިމާސްއެއް ވެސް ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ، މުބާރާތުގެ ފޯރި ކިތަންމެ ގަދަވި ނަމަވެސް، ހަމަނުޖެހުމަކަށް މަގުފަހިވާނެ ފަދަ އެއްވެސް ކަމެއް އެއްޓީމުން އަނެއް ޓީމަށް ނުކުރުމަށް އިލްތިމާސް ކުރައްވައިފަ އެވެ. އަދި އަލްހާން ވަނީ ފެއާ ޕްލޭ ޓީމުކަން ހޯދުމަށް ހުރިހާ ޓީމްތަކުން ކުޅިވަރުގެ ރޫހާ އެއްގޮތަށް ގަދައަޅައި މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް