ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 128 މައްސަލަ މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑާ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކުޑަކުދިންނާއި ގުޅިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެގޮތުން އެ ބާވަތުގެ 48 މައްސަލަ މިދިޔަ މަހު ރިޕޯޓުކޮށްފައިވެއެވެ.
ޖެންޑާ މިނިސްޓްރީ އަށް ޖިންސީ ހާނިކައިގެ 28 މައްސަލައަކާއި ޖިސްމާނީ ހާނިކައިގެ 21 މައްސަލައެއް އަދި ނަފްސާނީ ހާނިކައިގެ 11 މައްސަލައެއްގެ އިތުރުން ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 10 މައްސަލަ އަކާއި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާލިބުމުގެ ހަތް މައްސަލައެއް އަދި އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ އެއް މައްސަލަ އާއި ނަހަމަ ގޮތުގައި ވިޔަފާރި ފައިދާ އަށް ބޭނުންކުރުމުގެ އެއް މައްސަލަ ހުށަހަޅާފައިވެއެވެ.
އޭގެ އިތުރުން، ހައްގުތަކުން ކުޑަކުދިން މަހްރޫމުކުރުމާ ގުޅޭ 14 މައްސަލައަކާއި އާއިލީ 47 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. އަދި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 47 މައްސަލަ ވެސް މިދިޔަ މަހު މިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 15 މައްސަލަ އާއި އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 3 މައްސަލަ ވެސް އެ މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް