ރާއްޖޭގެ ދިދަ ޖެހި ކަމަށްބުނާ ބޯޓު މައްސަލައިގާ ސަރުކާރުގެ ވަރުގަދަ އިންޒާރެއް

ރާއްޖޭގެ ޤައުމީ ޝަހުސަށް ގެއްލުންވާފަދަގޮތަކަށް އެއްވެސް ފަރާތަކުން އަމަލުކުރާކަން ހާމަވެއްޖެނަމަ އެފަރާތަކާއިމެދު ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމުގައި ސަރުކާރުން ހާމަކުރައްވައިފި އެވެ. ސަރުކާރުން މިކ...

28 Feb 2018 | 16:25

ރާއްޖޭގެ ޤައުމީ ޝަހުސަށް ގެއްލުންވާފަދަގޮތަކަށް އެއްވެސް ފަރާތަކުން އަމަލުކުރާކަން ހާމަވެއްޖެނަމަ އެފަރާތަކާއިމެދު ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމުގައި ސަރުކާރުން ހާމަކުރައްވައިފި އެވެ.

ސަރުކާރުން މިކަން ހާމަކުރައްވާފައިވަނީ ޖަޕާނު ފޮރިން މިނިސްޓްރީން މިއަދު ހާމަކުރި މައުލޫމާތެއްގެ މައްޗަށް ދިވެހި މީޑިއާގައްޔާއި ބައިނަލްއަގްވާމީ މީޑިއާގައި ޖަހާފައިވާ ހަބަރުތަކާއި ގުޅިގެން ރައީސް އޮފީހުގެ ވެބްސައިޓްގައި އާންމު ކޮށްފައިވާ ލިޔުމެއްގައި އެވެ.

"ޝިން ޔުއާން 18" ނަމަކަށް ކިޔާ ރާއްޖޭގެ ދިދަ ނަގާފައިވާކަމަށް ބުނާ އުޅަނދަކާއި، އުތުރު ކޮރެއާގެ "ޗޮން މާ ސަން" ނަމަކަށް ކިޔާ އުޅަނދަކާއި ދެމެދު ކަނޑުމަތިން ޤަވާއިދާ ޚިލާފު މުއާމަލާތްތަކެއް ހިންގި ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރާ މައުލޫމާތު ތަކަކީ ހަގީގަތާއި ޚިލާފު މައުލޫމާތު ތަކެއް ކަމަށާއި ދިވެހި ދިދަ ބޭނުންކޮށްގެން ރާއްޖެއާއި، ދިވެހިންގެ އިއްޒަތާއި ކަރާމާތް ނަގާލުމަށް މަސައްކަތްކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ދިވެހިސަރުކާރުން މިއަދު ހާމަކުރައްވައިފިއެވެ." ރައީސް އޮފީހުގެ ވެބްސައިޓްގައި ވެ އެވެ.

ރައީސް އޮފީހުން ދިވެހި ސަރުކާރުން ހާމަކުރެއްވި ގޮތުގައި މި ޢަމަލު ހިންގި ކަމަށް ބުނާ ދިވެހި ރާއްޖޭގެ ދިދަ ނަގާފައިވާ "ޝިން ޔުއާން 18" ނަމަކަށް ކިޔާ އުޅަނދަކީ އެއްވެސް ޒަމާނެއްގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ނޫންކަމަށާއި ދި ދިވެހި ރާއްޖެއަކީ އުތުރު ކޮރެއާ އާއި ގުޅޭ ޤަރާރުތައް ވެސް ހިމެނޭ ގޮތަށް އ.ދ ގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތައް ތަންފީޒު ކުރެއްވުމަށް އަބަދުވެސް ޚާއްޞަ ސަމާލުމެއްދެއްވާ ޤައުމެއް ކަމުގައިވެސް ދިވެހި ސަރުކާރުން ހާމަކުރައްވާފައިވާކަމަށެވެ.

"ދިވެހި ސަރުކާރުން ހާމަކުރެއްވި ގޮތުގައި ސަރުކާރުން ދަނީ ވަރަށް ގާތުން މި މައްސަލަ ބައްލަވަމުންކަމަށާއި، ރާއްޖޭގެ ޤައުމީ ޝަހުސަށް ގެއްލުންވާފަދަގޮތަކަށް އެއްވެސް ފަރާތަކުން އަމަލުކުރާކަން ހާމަވެއްޖެނަމަ އެފަރާތަކާއިމެދު ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމުގައިވެސް ހަމަކުރައްވާފައިވެއެވެ." ރައީސް އޮފީހުގެ ވެބްސައިޓްގައި ހާމަކުރައްވާފައި ވެ އެވެ.

ސަރުކާރުން އިތުރަށް ހާމަކުރައްވާފައިވަނީ މިކަމާއި ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މިއަދު ނެރުއްވި ނޫސްބަޔާނުގައިވެސް، "ޝިން ޔުއާން 18" ނަމަކަށް ކިޔާ ބޯޓަކީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އުޅަނދެއް ނޫންކަން ވަނީ ހާމަކުރައްވާފައެވެ. އަދި، މިކަން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިން ވަނީ ކަށަވަރުކޮށްދެއްވާފައި ކަމަށާއި ދިވެހިރާއްޖެއަކީ ރާއްޖޭން ބޭރުގައި ދުއްވާ އެހެން ޤައުމުތަކުގެ އުޅަނދުފަހަރު، ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރުމަށް ފުރުސަތުދޭ ޤައުމެއް ނޫން ކަމަށެވެ.

ޖަޕާނުގެ ފޮރިން އެފެއާޒް ވެބްސައިޓުގައި ޖަޕާން އަދި އުތުރު ކޮރެއާގެ ގުޅުން، މި ކެޓަގަރީގެ ދަށުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ 24 ފެބްރުއަރީ ދަންވަރުގެ ވަގުތެއްގައި ޖަޕާނުގެ މެރިޓައިމް ސެލްފް ޑިފްންސް ފޯސްއަށް، ޗޮން މާ ސަން ނަމަކަށް ކިޔާ، އުތުރު ކޮރެއާގެ ދިދަ ނަގާފައިވާ ޓޭންކަރަކާއި ޒިން ޔުއާން 18 ނަމަކަށް ކިޔާ، ރާއްޖޭގެ ދިދަ ނެގި ޓޭންކަރެއް އެއް ޓޭންކަރު އަނެއް ޓޭންކަރާއި ގާތުގައި އިރުމަތީ ޗައިނާ ކަނޑުގައި މަޑުކޮށްގެން ތިބި މަންޒަރު ފެނިފައިވާކަމަށެވެ.

ޖަޕާނުން ބުނެފައިވަނީ އެ ދެ ޓޭންކަރުވެސް އޮތީ ލައިޓް ދިއްލައިގެން ޖެހިޖެހިގެން ކަމުން ކޮންމެވެސް ކަހަލަ މުއާމަލާތެއް ކުރަމުންދިޔަ ކަމުގައި ބެލެވޭ ކަމަށެވެ. އަދި އެއް ބޯޓުން އަނެއް ބޯޓަށް ކޮންމެވެސް އެއްޗެއް ބަދަލުކުރި ކަމުގައި ބެލެވޭ ކަމަށްވެސް ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް