ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮޮރޯނާ ވައިރަސް ޖެހިފައިވޭތޯ ޓެސްޓް ކުރެވޭނެ ވަސީލަތްތައް ރާއްޖޭގައި އަދި ނެތް ކަަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
މިރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ އެ ބައްޔަށް ޓެސްޓު ކުރަން ސާމްޕަލް ފޮނުވަން ޖެހޭނީ ބޭރު ގައުމަކަށް ކަމަށެވެ. އެކަން ކުރަނީ ޑަބްލިއުއެޗްއޯގެ އިރުޝާދުގެ މަތިން އެޖަމިއްޔާއިން ހުއްދަ ދޭ ތަނަކަށް ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އިންޑިއާގެ ޕޫނޭއިން ކޮރޯނާ ވައިރަސްއަށް ޓެސްޓު ކުރެވޭ ކަމަށެވެ.
އެހެންކަމުން ޑަބްލިއުއެޗްއޯގެ އިރުޝާދާއި އެއްގޮތަށް ރާއްޖެއިން އެ ބައްޔަށް ޝައްކު ކުރެވޭ މީހަކު ފެނިއްޖެ ނަމަ ސާމްޕަލް ނަގައި ޓެސްޓު ކުރަން ފޮނުވާނީ އިންޑިއާއަށް ކަމަށެވެ. އަމީން ވިދާޅުވީ އެފަދަ ހާލަތެއްގައި ޓެސްޓުގެ ނަތީޖާ ލިބެން ނަގާނީ48 ގަޑިއިރު ކަމަށެވެ.
އަމީން މިކަމާ ގުޅޭގޮތުން ވާހަކަ ދެއްކެވި އިރު ސޯޝަލް މީޑީއާގައި ބައެއް މީހުން ގެންދަނީ ރާއްޖެއިން ކޮރޯނާ ވައިރަސް ފެނިއްޖެ ނަމަ ސާމްޕަލް ޓެސްޓު ކުރަން ފޮނުވަން ޖެހެނީ ހޮންގް ކޮންގް އަށް ކަމަށް ބުނެ ހިތް ހަމަ ނުޖެހުން ފާޅު ކުރަމުންނެވެ. އެމީހުން ބުނަމުން ދަނީ އެހާ ގިނަ އިރު ވާނަމަ ރާއްޖެއަށް ބަލި ފެތުރުމުގެ ބިރު އެބައޮތް ކަމަށެވެ.
މިނިސްޓަރު އެ ވާހަކަތައް ދޮގު ކުރެއްވުމުގެ ބަދަލުގައި ވިދާޅުވީ އެއަށްވުރެ ކައިރިން މިހާރު ޓެސްޓު ހެދޭނެ ކަމުގެ މައުލޫމާތު ޑަބްލިއުއެޗްއޯއިން ދީފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް