ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ ދަށުން އުރީދޫއިން މިއަހަރު ކެމްޕެއިން ކުރާނީ "ސައިބާ ކްރައިމް" އާއި ދެކޮޅަށް ކަމަށް އެކުންފުނިން ބުނެފި އެވެ.
މިއަހަރު އެ ކުންފުނިން ހިންގާނެ ހަރަކާތްތައް އިފްތިތާހު ކުރުމަށް ބޭއްވި "މަރުހަބާ2020" ހަފްލާގައި އުރީދޫގެ "ސައިބާ ސޭފްޓީ ކެމްޕޭން" އިފްތިތާހު ކޮށްދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރާއި އުރީދޫގެ ސީއީއޯ އަދި މެނެޖިން ޑިރެކްޓަރ ނަޖީބު ޚާން އެވެ.
އުރީދޫން ބުނީ މި ކެމްޕޭންގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި އިންޓަނެޓް ބޭނުން ކުރުމުގައި ރައްކޭތެރިކަމާއި ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދޭނެ އެވެ. މިއީ ރާއްޖޭގެ އެންމެންނަށް ވެސް އިންޓަނެޓަކީ އަމާން ތަނަކަށް ހެދުމަށް އެ ކުންފުނިން ކުރިއަށްގެންދާ ކެމްޕޭނެއް ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫން ބުނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ސައިބާ ކްރައިމްގެ ނުރައްކާ އޮތް މިންވަރަށް ރާއްޖޭގައި ވެސް މިފަދަ ކުށްތައް އިތުރުވަމުން އަންނަ ކަމަށެވެ އެހެންވެ މިކަމާ ދެކޮޅަށް ނުކުތުމަކީ މުހިންމު ކަމެއް ކަމުގައި އުރީދޫން ދެކޭ ކަމަށެވެ.
ސީއެސްއާރުގެ ދަށުން ކޮންމެ އަހަރުވެސް މުޖުތަމައުއަށް ފައިދާ ހުރި ކޮންމެސް ކަމެއްގައި އުރީދޫއިން އެހީތެރިކަން ފޯރުކޮށްދެ އެވެ. އެގޮތުން މިދިޔަ އަހަރު އެ ކުންފުނިން ވަނީ އަލަށް ފަށާ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް "ނިރު އެކްސަލަރޭޓާ" ޕްރޮގްރާމާއި ޔޫއެންޑީޕީއާ އެކު "ސްމާޓް ސިޓީ"ގެ ނަމުގައި ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް