ޖިނާއީ އިޖްރައާތުގެ ގާނޫނު މިހާރު އޮތް ގޮތުން ޖިނާއީ އެއްވެސް މައްސަލައެއްގައި ސިއްރު ހެކިބަސް ނުނެގޭނެ ކަމަށް ހައި ކޯޓުން އިއްޔެ ކަނޑައެޅުމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ އެ ގާނޫނުގެ149 ވަނަ މާއްދާގެ ހ އާއި އެކު އެ ގާނޫނުގެ119 ވަނަ މާއްދާ އާއި131 ވަނަ މާއްދާ އަދި 134 ވަނަ މާއްދާ ހިމަނައިގެން މުޅި ގާނޫނު އެކުގައި ކިޔާއިރު އެ ގާނޫނުގެ ދަށުން ސިއްރު ހެކި ނެގޭނެ އެވެ. އެހެންވެ އިއްޔެ ހައިކޯޓުގެ ނިންމުމުން ކަނޑައެޅި ސިއްރު ހެކިބަހުގެ ބައި ރަނގަޅު ނޫންކަމަށް ފެންނާތީ އެބައި ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމީ ކަމަށެވެ.
https://twitter.com/HuShameem/status/1221856711553609730
ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ 149 ވަނަ މާއްދާ ބުނާ ގޮތުން ޖިނާއީ މައްސަލަތަކުގައި ހެކިވެރިޔާ އަކީ ކާކުކަން ނޭނގޭ ގޮތަށް ސިއްރުން ހެކިބަސް ނެގޭނީ ހެއްކާ ބެހޭ ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން އެ ގާނޫނުގައި ބަޔާންކުރާ ހާލަތްތަކުގަ އެވެ. އެކަމަކު 1976 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ ހެއްކާ ބެހޭ އެ ގާނޫނުގައި ސިއްރު ހެކީގެ އެއްވެސް ވާހަކައެއް ބަޔާން ކޮށްފައެއް ނުވެ އެވެ.
އެހެންވެ، ގާނޫނު އޮތްގޮތުން މިހާރު ޖިނާއީ މައްސަލަތަކުގައި ސިއްރުން ހެކިބަސް ނެގުމުގެ ބާރެއް ކޯޓުތަކަށް ނެތް ކަމަށް ހައި ކޯޓުން އިއްޔެ ކަނޑައެޅި އެވެ. ހައިކޯޓުން މިގޮތަށް ހުކުމް ކުރީ ކުރީގެ ފުލުހުންނަށް ފޯނު ނުދެއްވި މައްސަލައިގަ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އިއްވި ދޮޅު އަހަރުގެ ޖަލު ހުކުމް ބާތިލްކުރި ހުކުމުގަ އެވެ.
އެކަމަކު މީގެ ކުރިން ޖިނާއީ އިޖްރާއާތުގެ ގާނޫނު އޮތްގޮތުން ސިއްރުން ހެކިބަސް ނުނެގޭނެ ކަމަށް ބުނެ އެކަން ވަކީލުން ހައި ކޯޓުގައި ފާހަގަކުރި އެވެ. އޭރު އެކަމާ މެދު ސީދާ ވަކި އެއްޗެއް ބުނުމުގެ ބަދަލުގައި އެ ކޯޓުން ނިންމާފައިވަނީ ކުރިން ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން ސިއްރުން ހެކިބަސް ނެގިދާނެ ކަމަށެވެ. އެކަމަކު ގާނޫނުގެ އެ މާއްދާއާ ގުޅޭގޮތުން ވަކި އެއްޗެއް މީގެކުރިން އެ ކޯޓުން ބުނެފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް