ދީބާޖާއަށް ބަދަލުދޭން ކުރި ހުކުމް ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ދީބާޖާ އިންވެސްޓްމެންޓަށް 174 މިލިއަން ރުފިޔާ ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވި ނިންމެވުން ބަދަލުކުރައްވާފައިވާތީ އެ މައްސަލަ ރިވިއު ކޮށްދިނުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯ...

28 Jan 2020 | 05:46

ދީބާޖާ އިންވެސްޓްމެންޓަށް 174 މިލިއަން ރުފިޔާ ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވި ނިންމެވުން ބަދަލުކުރައްވާފައިވާތީ އެ މައްސަލަ ރިވިއު ކޮށްދިނުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

އޭޖީ އޮފީހުން މިއަދު ބުނީ ދީބާޖާ މައްސަލައިގަ ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް ރިވިއު ކުރުމަށް އޭޖީ އޮފީހުން އެ ކޯޓަށް ހުށަހަޅައިފި ކަމަށެވެ. އެ މައްސަލަ ރިވިއު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވިކަން އޭޖީ އޮފީހުން ހާމަކުރީ މިމަހުގެ22 ވަނަ ދުވަހު އެވެ.

އުތުރު ޕްރޮޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް އެމްޑީޕީގެ ވެރިކަމުގައި 2011 ވަނަ އަހަރު ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލާގައި ދީބާޖާއަށް 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ވަނީ ހުކުމް ކޮށްފައި އެވެ. މިދިޔަ އަހަރު ސުޕްރީމް ކޯޓުންވެސް ވަނީ އެ ހުކުމް ދަމަހައްޓައިފަ އެވެ.

ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމަށް ލަފާ ދިނުމަށް އުފައްދާފައި އޮންނަ ސެޓްލްމަންޓް ކޮމެޓީން ވަނީ އެ ހުކުމާ ގުޅިގެން ދީބާޖާއާ އެކު މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 174 މިލިއަން އެ ކުންފުންޏަށް ދޭން ނިންމާފައި އެވެ. އެއީ ރައީސް ސޯލިހު ނިންމެވި ގޮތެވެ.

އެކަމަކު އެ އެއްބަސްވުމާއި އެއްގޮތަށް ދީބާޖާއަށް ދޭން ޖެހޭ ފައިސާ ސަރުކާރުން ދީފައި ނުވާތީ އެ ކުންފުނިން ވަނީ ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި އެވެ. ސުޕްރީމް ކޯޓުން ނިންމި ނިންމުން ރިވިއު ކުރަން ރައީސް ސޯލިހު ނިންމެވިކަން އޭޖީ އޮފީހުން ހާމަކުރީ ސިވިލް ކޯޓަށް ދީބާޖާއިން ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑު އެހުން އޮތް ދުވަހު އެވެ.

އެހެންވެ އެ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން އެދުނީ ހުކުމް ތަންފީޒު ކޮށްދޭން އަމުރުކޮށްދިނުން މަޑުޖައްސާލުމަށެވެ. އެކަމަކު މައްސަލަ ބެއްލެވި ސިވިލް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދު ވިދާޅުވީ ރިވިއުކުރަން ހުށަހަޅާނެ ކަމަށް ދައުލަތުން ބުންޏަސް، މައްސަލަ މަޑުޖައްސައި ނުލެވޭނެ ކަމަށެވެ. އެކަމަކު ރިވިއުކުރަން ހުށަހަޅައިފި ނަމަ، އެކަމަށް ކޯޓުން ރިއާޔަތްކުރާނެ ކަމަށެވެ.

އޭޖީ އޮފީހުން އެ ދުވަހު ބުނީ ބަދަލުދޭ ގޮތަށް އެއްބަސްވުމަށް ފަހު ރައީސް ސޯލިހުގެ ނިންމެވުން ބަދަލުކޮށް ރިވިއު ކޮށްދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމީ ދީބާޖާއަށް ބަދަލުދޭން ކުރި ހުކުމާއި މެދު އާންމުންގެ ކަންބޮޑުވުން އޮތުމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް