ބޭރުގެ 31 ބޯޓަކަށް މަސްވެރިކަން ކުރަން ހުއްދަ ދީފައިވޭ: މިނިސްޓްރީ

ނިމިގެންދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖޭގެ ކަނޑުތަކުގައި މަސްވެރިކަން ކުރަން ބޭރުގެ 31 ބޯޓަކަށް ހުއްދަ ދީފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ އޮންލައިން ނޫހެއް ކަމަށްވާ ސީއެނ...

28 Jan 2019 | 11:48

ނިމިގެންދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖޭގެ ކަނޑުތަކުގައި މަސްވެރިކަން ކުރަން ބޭރުގެ 31 ބޯޓަކަށް ހުއްދަ ދީފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ

އޮންލައިން ނޫހެއް ކަމަށްވާ ސީއެންއެމް އިން ކުރި ސުވާލަކަށް އީމެއިލް މެދުވެރިކޮށް ޖަވާބު ދެއްވަމުން މިނިސްޓްރީން ބުނެފައި ވަނީ، 1 ޖޫން 2018 އިން ފެށިގެން 31 މެއި 2019 އަށް އެއް އަހަރު ދުވަހުގެ މުއްދަތަކަށް 31 ބޯޓަކަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރުމަށް ހުއްދަ ދީފައިވާ ކަމަށެވެ. އެހެން ނަމަވެސް މި ކަމާއި ގުޅެ އިތުރު ތަފްސީލެއް ފިޝަރީޒް މިނިސްޓްރީން ހާމަ ކުރައްވާފައެއް ނުވެއެވެ.

މީގެ 3 ދުވަސްކުރިން އައްޑޫ ސިޓީގައި މަސްވެރިންނާ ބައްދަލު ކުރައްވަމުން ފިޝަރީސް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ މެއި މަހުގެ ނިޔަލަށް ބޭރުގެ ހުރިހާ މަސްބޯޓަކަށް ރާއްޖެ ކަނޑުތަކުގައި މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުން ހުއްޓާލައްވާނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ބޭރުގެ ބޯޓު ތަކުން ރާއްޖޭގެ ކަނޑުތަކުގައި މަސްވެރިކަން ކުރާތީ އެކަމުގެ ޝަކުވާ އަބަދުވެސް ލިބޭކަމަށެވެ. އަދި އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ނިންމީ ހުއްދަ ދީފައިވާ ބޭރުގެ މަސްބޯޓުތަކަށް މިހާރު ދީފައިވާ ކޯޓާތައް އާ ނުކުރަން ކަމަށެވެ.

މަސްވެރިންގެ އިތުރުން މިފްކޯގެ އިސްވެރިން ބައިވެރިވި މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކާއި ބެހޭ ގޮތުން ވާހަކަ ދައްކާ އެ މައްސަލަތަށް އޮޅުންފިލުވާފައެވެ. އަދި އެ ދަތިތައް ހައްލު ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުންވެސް މިނިސްޓަރު ވަނީ ވާހަކަ ދައްކާފައެވެ.

ބޭރުގެ މަސްބޯޓުތަކަށް ރާއްޖޭގެ ކަނޑުތަކުގައި މަސްވެރިކަން ކުރަން ހުއްދަ ދިނުން ހުއްޓާލުމަކީ ރައީސް ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދު ތަކުގެ ތެރެއިން ވައުދެކެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް