ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން އަނެއްކާ ވެސް 4-2 ގެ ނަތީޖާއަކާއެކު މޮޅެއް ހޯދިއިރު، މިހާރު ރަނގަޅު ފޯމަކަށް އެޅިފައިވާ ބެންޒެމާ ވަނީ އެސްޕަންޔޯލް ކޮޅަށް 2 ލަނޑު ޖަހާފައެވެ. މި މެޗުގެ ކުރިން ސްޕެނިޝް ކަޕްގައި ކުޅުނު މެޗުން ޖިރޯނާ އަތުން ވެސް ރެއާލް މޮޅުވީ ހަމަ މި ނަތީޖާއިންނެވެ. މިއާއެކު ރެއާލް މެޑްރިޑަށް ވަނީ ހަމަޖެހުމެއް ލިބިފައެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ވަނީ 3 ލަނޑު ފެނިގެން ގޮސްފައެވެ. މެޗުގެ ކުރީކޮޅު ލޫކާ މޮޑްރިޗް ފޮނުވާލި ހަމަލާއެއް އެސްޕަންޔޯލްގެ ގޯލްކީޕަރ ޑިއޭގޯ ލޮޕޭޒް ދިފާއު ކުރުމުން ލިބުނު ދެ ވަނަ ފުރުސަތުގައި ބެންޒެމާ ވަނީ ބޯޅަ ގޯލަށް ފޮނުވާލައިގެން ރެއާލްއަށް ލީޑު ނަގައިދީފައެވެ.
ރަށުން ބޭރުގައި ކުޅެމުން ދިޔަ ރެއާލްއިން ވަނީ ބެންޒެމާގެ ލަނޑުން ލީޑު ނެގިތާ ގިނައިރުތަކެއް ނުވެ އިތުރު ލަނޑެއް ޖަހާފައެވެ. މިއީ ލޫކާ މޮޑްރިޗް ނަގައިދިން ބޯޅައަކުން ސާޖިއޯ ރާމޯސް ޖެހި ލަނޑެކެވެ. މިއާއެކު ރެއާލްގެ ކެޕްޓަން އަދި ސެންޓަރ ބެކް މިވަނީ ފާއިތުވި 2 މެޗުން 3 ލަނޑު ކާމިޔާބު ކޮށްފައެވެ.
މެޗުގެ ކުރީކޮޅު ޖެހި 2 ލަނޑާއެކު ރެއާލްއަށް ފަސޭހަ މޮޅެއް ލިބޭނެކަމަށް ބެލެވުނަސް، މެޗުގެ 25 ވަނަ މިނިޓުގައި ބަޓިސްޓާއޯ ޖަހައިދިން ލަނޑާއެކު އެސްޕަންޔޯލް އިން ރެއާލްގެ ލީޑު ހަނިކޮށްލިއެވެ. އެހެނަސް، އިތުރު ވަގުތުގައި ބެންޒެމާ އިތުރު ލަނޑެއް ޖަހައި، ފުރަތަމަ ހާފު ނިންމާލީ ރެއާލްއިން އަނެއްކާ ވެސް 2 ލަނޑު ލީޑެއްގައި އޮވެއެވެ.
ދެ ވަނަ ހާފު ފެށިގެން މެޗުގެ 67 ވަނަ މިނިޓުގައި ގެރެތު ބޭލް ވަނީ ރެއާލްއަށް 4 ވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ. ބޭލް މި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތީ އަނިޔާގެ ސަބަބުން ދުވަސްތަކެއް ވާންދެން ކުޅުމާ ދުރުގައި ހުރުމަށް ފަހުގައެވެ.
މެޗުގެ 72 ވަނަ މިނިޓުގައި ޑިފެންޑަރ ވެރޭން އަށް ދެ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުން ރެއާލްއަށް އުނދަގޫތަކެއް ކުރިމަތިވިއިރު، އެސްޕަންޔޯލްގެ މާކް ރޯކާ ވަނީ 81 ވަނަ މިނިޓުގައި އެ ޓީމަށް 2 ވަނަ ލަނޑެއް ޖަހައިދީފައެވެ.
މިރޭގެ މޮޅާއެކު އަނެއްކާ ވެސް ސެވިއްޔާ ފަހަތަށް ޖައްސާލާ ރެއާލް ވަނީ ލީގު ތާވަލުގެ 3 ވަނަ އަށް އަރާފައެވެ. އެހެނަސް، އެ ޓީމާ އެއް ވަނައިގައި އޮތް ބާސާއާ ދެމެދު އަދިވެސް 10 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް