އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނީ ހުރިހާ ފަރާތަކާ މަޝްވަރާ ކުރުމަށްފަހު: މިނިސްޓަރު

ރާއްޖޭގައި މަސައްކަތްކުރާ މަސައްކަތްތެރިންނަށް ދޭނެ އެންމެ ކުޑަ އުޖޫރައެއް ކަނޑައަޅާނީ ހުރިހާ ފަރާތްތައް ހިމެނޭގޮތުން މަޝްވަރާ ހޯދައިގެންކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޞު އިސްމާޢިލް ވިދާޅުވެއްޖެއެވ...

28 Jan 2019 | 06:20

ރާއްޖޭގައި މަސައްކަތްކުރާ މަސައްކަތްތެރިންނަށް ދޭނެ އެންމެ ކުޑަ އުޖޫރައެއް ކަނޑައަޅާނީ ހުރިހާ ފަރާތްތައް ހިމެނޭގޮތުން މަޝްވަރާ ހޯދައިގެންކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޞު އިސްމާޢިލް ވިދާޅުވެއްޖެއެވެ.

ޕީއެސްމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި، އިކޮނޮމިކް މިނިސްޓަރ ފައްޔާޞު އިސްމާޢިލް ވިދާޅުވީ، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް އެކުލަވާލަންޖެހޭ ބޯޑު އެކުލަވާލުމަށް މިހާރު ރައީސް ހުއްދަ ދެއްވާފައިވާކަމަށެވެ. އަދި ވަރަށް އަވަހަށް މި ބޯޑު އެކުލެވިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ބޯޑު އެކުލެވިގެންދާއިރު ބޯޑުގައި ހިމެނޭނީ މުޅި ޖުމްލަ ފަސް މެންބަރުންނެވެ. މިނިސްޓަރ ފައްޔާޞު ވިދާޅުވީ، ބޯޑު އެކުލެވިގެންދާއިރު ބޯޑުގައި ހިމަނާނީ އިކޮނޮމިކް މިނިސްޓްރީގެ ބޭފުޅަކާއި، ވަޒީފާދޭ ފަރާތްތައް ތަމްސީލްކުރަން ދެ ބޭފުޅުންގެ އިތުރުން ފަޒީފާ އަދާކުރާ ފަރާތްތައް ތަމްސީލްކުރަން ދެ ބޭފުޅުންކަމަށެވެ.

ކޮމިޓީ ތެރެއިން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ދިރާސާކުރާނެކަމަށާއި، މިކަމަކީ ކުއްލިއަކަށް ކުރެވޭނެކަމެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެންމެ ކުޑަ އުޖޫރަ ކަނޑައެޅިގެންދާއިރު މިކަން ނިމިގެންދާނީ ހުރިހާ ފަރާތްތަކަށްވެސް ލުއި ފަސޭހަގޮތަކަށްކަމަށް މިނިސްޓަރ ވަނީ ފާހަގަކުރަށްވާފައެވެ.

ވަޒީފާއާބެހޭ ޤާނޫނު ބުނާގޮތުން މުސާރައާއި އުޖޫރައާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދޭ ބޯޑު އެކުލެވިގެން ވަނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ 5 މެންބަރުންގެ މައްޗަށެވެ. އަދި މި ބޯޑު ހިންގާނެ ގޮތާއި ބޯޑަށް ލިބިގެންވާ ބާރުތަކާއި، ބޯޑުގެ ވާޖިބުތައް، މި ޤާނޫނުގެ ދަށުން މިނިސްޓަރު ހަދާ ޤަވާއިދަކުން ކަނޑައަޅަންވާނެކަމަށްވެސް ވަޒީފާއާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ވަޒީފާ އަދާކުރާ މީހުންނަށް އުޖޫރައިގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ މިންވަރެއް ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ވަޢުދެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް