އަމިއްްލަ ފަރާތްތަކުގެ އިސްނެގުމާއި އެކީ ސަރުކާރަށް ޕްރޮޕޯޒަލް ހުށައެޅޭ އުސޫލެއް އެކުލަވައިލައްވައިފިއެވެ.
ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދު ނަންބަރު 2017/ޜ-20 (ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދު) ގެ 10.27 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ވިޔަފާރީގެ ދާއިރާ އާއި ރަށްޓެހި މާޙައުލެއް ޤާއިމުކުރުމުގެ ސިޔާސަތަށް ބާރު އެޅުމުގެ ގޮތުން "ބިޑްކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު" ކަނޑައަޅުއްވައި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ ބިޑް ކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލުގެ މަގްސަދަކީ ސަރުކާރުގެ ތަރައްގީގެ ހާސިލުކުރުމުގައި އަމިއްލަ ފަރާތްތަކުގެ ވިސްނުމާއި ހިޔާލު ބައިވެރިކުރެވޭނެ ގޮތްތަކެއް ހޯދައިދިނުމެވެ.
ބިޑް ކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލަކީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން އެކުލަވައިލައިފައިވާ އުސޫލެއް ކަމަށާއި މި އުސޫލުގެ ދަށުން ވަކި މަޝްރޫއެއް ހިންގުމަށް ސަރުކާރުން އިއުލާންކުރުމުގެ ކުރިން އަމިއްލަ ފަރާތްތަކުން އިސްނަގައިގެން، ސަރުކާރުގެ ތަރައްގީގެ ލަނޑުދަނޑިތަކާއި ގުޅުން ހުރި މަޝްރޫއުތައް ހިންގުމަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ މަގު ފަހިވެގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ޕްރޮޕޯޒަލްތައް އެސެސްކުރުން 3 މަރުޙަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މިފަދަ ޕްރޮޕޯޒަލްތައް ހުށަހަޅުއްވަންޖެހޭ އިދާރާއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ކަމުގައިވަނީ ހަމަޖައްސަވާފައެވެ. ޕްރޮޕޯޒަލްތައް އެސެސްކުރުމުގެ ފުރަތަމަ މަރުޙަލާގައި އުސޫލުގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ޕްރޮޕޯޒަލް ފެތޭތޯ ބަލައި، ސްޓްރަޓީޖިކް އެސެސްމަންޓް ހެދުމަށްފަހު، އެ ހުށަހެޅުމަކީ ސީދާ މަޝްވަރާއަކަށް ދިއުމަށް އެންމެ އެކަށީގެންވާ ހުށަހެޅުމެއްތޯ ބެލޭނެއެވެ.
މި އުސޫލުގެ ދަށުން ފްރޮޕޯޒަލް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓަށް ހުށަހަޅަން ޖެހޭއިރު ބިޑްކުރުމަކާ ނުލައި ހުށަހަޅާ ޕްރޮޕޯޒަލްތަކާ ގުޅިގެން އެންމެ ފަހު ނިންމުން ނިންމާ ފަރާތަކީ ވަޒީރުންގެ މަޖިލީހުގެ އިކޮނޮމިކް ކައުންސިލެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް