މަލްޓި-ގްރޭޑުގެ ގޮތުގައި ގްރޭޑް 1 އަދި 2 ގެ ދަރިވަރުންނަށް އެއް ކުލާހެއްގައި، ގުޅުވާލައިގެން ކިޔަވައިދޭތީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރުމުގެ ގޮތުން އދ. ކުނބުރުދޫ ސްކޫލްގެ ބެލެނިވެރިން މިދިޔަ ހަފުތާގައި ހުށަހެޅި ޕެޓިޝަންއަށް އެކަށީގެންވާ ޖަވާބެއް ލިބިފައިނުވާތީ، އެ ސްކޫލްގެ އެ ދެ ގްރޭޑްގެ ދަރިވަރުން އިއްޔެ އާއި މިއަދު ވެސް ސްކޫލަށް ނުގެންގޮސް، ބެލެނިވެރިން އިހުތިޖާޖު ކޮށްފިއެވެ.
އދ. ކުނބުރުދޫ ސްކޫލްގެ ބެލެނިވެރިން، މަލްޓި-ގްރޭޑް ކޮށް ކިޔަވައިދިނުމާ ދެކޮޅު ހަދާ އިހުތިޖާޖު ކުރުމުގެ ގޮތުން ދަރިވަރުން އިއްޔެ އާއި މިއަދު ސްކޫލަށް ނުފޮނުވާއިރު، މީގެ ދެ ހަފުތާ ކުރިން އެ އަތޮޅު ހަންޏާމީދޫގައި ވެސް ވަނީ މި މަގުން ކަންހިނގާފައެވެ. އެ ސްކޫލްގައި ގްރޭޑް 4 އަދި 5 ގެ ދަރިވަރުންނަށް މަލްޓި-ގްރޭޑް އަށް ކިޔަވައިދޭތީ ބެލެނިވެރިން އެ ދަރިވަރުން ސްކޫލަށް ނުގެންގޮސް ހުއްޓާލީ ޖަނަވަރީ 13 ވަނަ ދުވަހުގައެެވެ. ބެލެނިވެރިންގެ ޝަކުވާ އަޑުއަހާ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ހަންޏާމީދޫގައި މަލްޓި-ގްރޭޑް އުވާލައި ޖަނަވަރީ 16 ވަނަ ދުވަހު ބެލެނިވެރިން ބޭނުންވި ގޮތަށް އަލުން ކިޔަވައިދޭން ފަށާފައެވެ.
އދ. ހަންޏާމީދުއަށް ފަހު ކުނބުރުދޫގެ ބެލެނިވެރިން ވެސް އިހުތިޖާޖެއް ފަށާފައިވާއިރު، އެ ސްކޫލްގެ މަލްޓި-ގްރޭޑް (ގްރޭޑް 1،2) ގެ ބެލެނިވެރިއަކު ބުނީ މަލްޓި-ގްރޭޑްއަށް ކިޔަވައިދިނުމާ ދެކޮޅުކަމަށާއި، އެ ގޮތަށް ދެކޮޅު ހަދަނީ ސަބަބުތަކެއް ހުރުމުން ކަމަށެވެ. އެހެނަސް، މީގެ ކުރިން ޝަކުވާ ކުރިޔަސް އެކަމާ ދެކޮޅަށް މާ ބޮޑުކަމެއް ނުކޮށް ތިބިއިރު، ބެލެނިވެރިން މިދިޔަ ހަފުތާގެ އާދީއްތަ ދުވަހު، ތަފުސީލުކޮށް ސަބަބުތައް ބަޔާންކޮށް ސްކޫލަށް ޕެޓިޝަންއެއް ހުށަހެޅިކަމަށެވެ. އަދި މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ ހަފުތާގެ ހޯމަ ދުވަހު ސްކޫލުން މިނިސްޓްރީއަށް ޕެޓިޝަން ފޮނުވާފައިވާކަމަށް ވެސް ބެލެނިވެރިން ބުނެފައިވެއެވެ.
މި ޕެޓިޝަން ދުވަސް ނޫހާ އެ ސްކޫލްގެ ބެލެނިވެރިއަކު ހިއްސާކޮށްފައިވާއިރު، ޕެޓިޝަންގައި، ގްރޭޑް 1، 2 މަލްޓި-ގްރޭޑް ކޮށް ކިޔަވައިދޭން ނިންމިއިރު، އެ ދެ ގްރޭޑަށް ކިޔަވައިދޭ ޓީޗަރުންނަށް އެކަމަށް ޚާއްސަ ތަމްރީނެއް ދީފައި ނުވާކަމަށާއި، އެކަމުގެ ސަބަބުން ސިލަބަސް ނިންމުމުގައްޔާއި، ދަރިވަރުންނަށް ހާސިލްކޮށްދޭން ޖެހޭ މިންވަރު ލިއްބައިދިނުމުގައި ހުރަސް އެޅޭނެކަމަށް ގަބޫލުކުރާކަމަށް ބެލެނިވެރިން ބަޔާންކޮށްފައިވެއެވެ. އަދި ހަމަ އެހެންމެ، އެ ދެ ގްރޭޑްގެ ދަރިވަރުންނަކީ ވެސް ސްކޫލްގައި ހަލަނި ކުދިން ގިނަ ދެ ގްރޭޑް ކަމަށް ވީހިނދު، އެ ދެ ގްރޭޑް އެއްކޮށްގެން ކިޔަވައިދިނުމުން އަޚްލާޤީ އިތުރު މައްސަލަތަކެއް ނުކުންނާނެކަމަށް ގަބޫލުކުރެވޭކަމަށް ބަޔާން ކޮށްފައިވެއެވެ. މީގެ އިތުރުން ވެސް ނުތަނަސްވާ ބައެއް ކަންތައްތައް ފާހަގަ ކޮށްފައިވާއިރު، މަޢުލޫމާތު ލިބޭ ގޮތުގައި ކުނބުރުދޫ ސްކޫލްގައި މީގެ ކުރިން ވެސް ވަނީ މަލްޓި-ގްރޭޑް އަށް ބައެއް ގްރޭޑްތަކުގައި ކިޔަވައިދީފައެވެ.
ކުނބުރުދޫ ސްކޫލްގެ ބެލެނިވެރިންގެ ޕެޓިޝަންއަށް މިދިޔަ ހަފުތާ ބަންދުގައި ޖަވާބުލިބި، ބެލެނިވެރިންނަށް އެ ޖަވާބު އެނގޭވަރުވީ އިއްޔެގައި ކަމަށްވެއެވެ. އެހެންކަމުން، ޕެޓިޝަންގައި ވެސް ބަޔާންކޮށްފައިވާ ފަދައިން، އެކަށީގެންވާ ޖަވާބެއް ނުލިބޭތީ ގްރޭޑް 1، 2 ގެ އެއްވެސް ބެލެނިވެރިއަކު އިއްޔެ ދަރިވަރުން ސްކޫލަށް ނުފޮނުވައެވެ. އެ ސްކޫލްގެ މަލްޓި-ގްރޭޑްގެ އެހެން ބެލެނިވެރިޔަކު ބުނީ އިއްޔެ ޖަވާބެއް ލިބުނުއިރު އޮތީ އިންސާފުވެރި ގޮތަކަށް ނޫންކަމަށެވެ. އިއްޔެ ޕެޓިޝަންގެ ޖަވާބެއް ލިބުނުތޯ ބަލަން ސްކޫލަށް ގުޅުމުން، ހަންޏާމީދޫއާ ޚިލާފަށް ކުނބުރުދޫ ސްކޫލަށް "އުސޫލަށް އިސްލާޙް ގެނައުމުގެ މަސައްކަތް ކުރާތީ، އުސޫލާ އެއްގޮތަށް މި ވަގުތު ޢަމަލުކުރަން" އަންގާފައިވާކަން އެނގިފައިވާކަމަށް ޕެޓިޝަން ހުށަހެޅުމުގައި އިސްކޮށް އުޅުނު ބެލެނިވެރިޔަކު ބުންޏެވެ. އަދި އެއީ އިންސާފު ނޫންކަން ފާހަގަކޮށް އެ ބެލެނިވެރިޔާ ވަނީ، މިކަމަށް ހައްލެއް ލިބެންދެން ދަރިވަރުން ސްކޫލަށް ނުފޮނުވާ ތިބެން ޖެހިދާނެކަމަށް ބުނެފައެވެ. އަދި އެކަމާ ގުޅިގެން މިއަދު ވެސް އެ ސްކޫލްގެ ގްރޭޑް 1 އަދި 2 ގެ އެއްވެސް ދަރިވަރަކު ސްކޫލަށް ނުފޮނުވައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އިހުތިޖާޖާ ގުޅިގެން މަލްޓި-ގްރޭޑް އުވާލި ހަންޏާމީދޫ ސްކޫލްގެ ގްރޭޑް 4 އަދި 5 އެކުގައި ތިބީ ޖުމްލަ 18 ދަރިވަރުންނެވެ. އަދި ކުނބުރުދޫ ސްކޫލްގައި މަލްޓި-ގްރޭޑް އުވާލުމަށް ބެލެނިވެރިން އިހުތިޖާޖު ކުރުމުން ވެސް އެކަމަށް މިހާތަނަށް ހައްލެއް ލިބިފައިނުވާއިރު، އެ ސްކޫލްގެ މަލްޓި-ގްރޭޑްގެ ގޮތުގައި އޮތް ގްރޭޑް 1 އަދި 2 ގައި ޖުމްލަ ތިބީ ވެސް 18 ދަރިވަރުންނެވެ. އަދި އއ. އަތޮޅު ސްކޫލްގައި ވަރަށް ކުރިންސުރެ ދަރިވަރުން މަދުވުމުން މަލްޓި-ގްރޭޑްއަށް ކިޔަވައިދޭން މިނިސްޓްރީން ނިންމި ނަމަވެސް، ކޮންމެ އަހަރަކު ވެސް އެކަން ނުވެ ދަނީ ބެލެނިވެރިން ދެކޮޅު ހެދުމުން މިނިސްޓްރީން ގޮތް ދޫކުރުމުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ބައެއް ސްކޫލްތަކުގެ ބެެލެނިވެރިންގެ ޝަކުވާއަށް އިޖާބަދީ، އެޑިޔުކޭޝަން މިނިސްޓްރީން މަލްޓި-ގްރޭޑް އުވާލާފައިވާއިރު، ކުނބުރުދޫ ސްކޫލްގެ ބެލެނިވެރިންގެ ޝަކުވާއަށް އިޖާބަ ނުދޭނަމަ، ދަރިވަރުން ސްކޫލަށް ނުފޮނުވާ، އިހުތިޖާޖު ދިގު ދެމިގެން ދިއުމުގެ ބިރު އެބައޮތެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނަންބަރުތަކުން އިއްޔެ ޖަވާބު ނުދެއްވާތީ އަދި މިނިސްޓްރީގެ ބަހެއް މި މައްސަލާގައި ލިބޭގޮތެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް