މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއި ޔުނިސެފް މޯލްޑިވްސް، މިނިސްޓްރީ އޮފް އެޑިއުކޭޝަން، މިނިސްޓްރީ އޮފް ހެލްތު، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ޖުވެނައިލް ޖަސްޓިސް ޔުނިޓް ގުޅިގެން ގއ.އަތޮޅުގައި ކޮމިއުނިޓީ ސޯޝަލް ގުރޫޕް (ސީ.އެސް.ޖީ)ތައް ގާއިމުކުރުމަށްޓަކައި އޮރިއެންޓޭޝަން އަދި ޓްރޭނިންގ ޕްރޮގްރާމެއް ހިންގައިފިއެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ، ރަށްރަށުގައި ރައްކާތެރިކަން ބޭނުންވާ ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން ގއ.އަތޮޅުގައި ގާއިމުކުރާ ސީ.އެސް.ޖީތަކުގެ ދައުރާއި ޒިންމާތައް އަދާކުރުމަށްޓަކައި މެންބަރުން ބާރުވެރިކުރުވައި، ރަށު ފެންވަރުގައި އެ ފަރާތްތަކަށް ފޯރުކޮށްދެވޭނެ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރުން ކަމުގައި ޖެންޑަރ މިނިސްޓްރީން ހާމަކުރެ އެވެ.
އެ މިނިސްޓްރީން ބުނެފައިވަނީ މި މަހުގެ 23އިން 25އަށް ކުރިއަށް ދިޔަ މި ޕްރޮގްރާމްގައި ގއ.އަތޮޅުގެ 9 ރަށަކުން 44 މެންބަރުން ބައިވެރިވެފައިވާކަމަށެވެ. އަދި ސީ.އެސް.ޖީ އެކުލަވައިލަނީ ސޯޝަލް ވަރކަރުންގެ އިތުރުން ކޮންމެ ރަށެއްގެ ރަށު ކައުންސިލް، ޞިއްޙީ ދާއިރާ، ސްކޫލް، ފުލުހުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން މީހަކު ހިމަނައިގެން ކަމަށެވެ.
ރަށު ފެންވަރުގައި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކާ އެކު މަސައްކަތް ކުރުމަށްޓަކައި، މިނިސްޓްރީން އިސްނަގައިގެން ސީ.އެސް.ޖީ އުފެއްދުމުގެ މަސައްކަތް މިހާރު ވަނީ ށ.އަތޮޅު، ބ.އަތޮޅު، ކ.އަތޮޅު، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީގައި ފަށާފައިވާކަމުގައިވެސް ޖެންޑަރ މިނިސްޓްރީން ހާމަކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް