ރާއްޖޭގެ 12 ސްކޫލަކަށް ޕްރިންސިޕަލުން ހޯދަން އެޑިޔުކޭޝަން މިނިސްޓްރީން އިއުލާނު ކޮށްފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ވިދާޅުވީ ރާއްޖޭގެ 12 ސްކޫލަކަށް ޕްރިންސިޕަލުން ބޭނުންވާކަމުގައެވެ.
އެ މިނިސްޓްރީން ޕްރިންސިޕަލުން ހޯދަން އިއުލާނު ކޮށްފައިވާ ސްކޫލްތަކަކީ، ހއ. ފިއްލަދޫ ސްކޫލް، ބާރަށު ސްކޫލް، ވަށަފަރު ސްކޫލް، ހދ. ހިރިމަރަދޫ ސްކޫލް، ނޭކުރެންދޫ ސްކޫލް، ހދ. އަތޮޅު ތަޢުލީމީ މަރުކަޒު، ށ. ގޮއިދޫ ސްކޫލް، ނ. މަގޫދޫ ސްކޫލް، ރ. ވާދޫ ޖަމާލުއްދީން ސްކޫލް، ފައިނު ސްކޫލް، މ. އަތޮޅު ތަޢުލީމީ މަރުކަޒު އަދި ގއ. ކޮނޑޭ ސްކޫލެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ކުރެއްވި އިއުލާނުގައި ވިދާޅުވީ ޕްރިންސިޕަލްގެ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށާއި މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އާއި ޤާބިލްކަން ކަށަވަރުކުރުމަށް ބާއްވާ އިންޓަވިއުގައި ހޯދާ މާކްސް އަށް ބަލާނެ ކަމުގައެވެ.
މީގެ އިތުރުން، އިއުލާންކޮށްފައިވާ ޕްރިންސިޕަލުންގެ ރޭންކްތަކަށް ބަލާއިރު އެންމެ ދަށް ރޭންކް ކަމަށްވާ އެމްއެސްޓޫ ރޭންކުގެ ޕްރިންސިޕަލަކަށް މަގާމުގެ އަސާސީ މުސާރައިގެ ގޮތުގައި ލިބެނީ ސަރވިސް އެލަވަންސުގެ ގޮތުގައި ދޭ 2،500 ރުފިޔާ އާއި އެކު މަހަކު 6،295 ރުފިޔާ އެވެ. އަދި އެންމެ މަތީ ރޭންކް ކަމަށްވާ އީއެކްސް ހައެއް ރޭންކުގެ ޕްރިންސިޕަލަކަށް މަގާމުގެ އަސާސީ މުސާރައިގެ ގޮތުގައި ލިބެނީ ސަރވިސް އެލަވަންސުގެ ގޮތުގައި ދޭ 2،500 ރުފިޔާ އާއިއެކު މަހަކު 15،560 ރުފިޔާ އެވެ.
އެ މިނިސްޓްރީން ކުރެެއްވި އިއުލާނުގައި ވިދާޅުވެފައި ވަނީ ޕްރިންސިޕަލުންގެ މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރުފަހު 1:30 އާއި ހަމައަށް ކަމުގައެވެ.
ރާއްޖޭގެ ބައެއް ރަށްތަކުގެ ސްކޫލްތަކަށް ޕްރިންސިޕަލުން ހޯދަން އިއުލާނު ކޮށްފައި މި ވަނީ ސްކޫލްތަކުގައި ޕްރިންސިޕަލެެއް ނެތި ގިނަ ދުވަސްތަކެއް ހޭދަވެ އާންމު ފަރާތްތަކުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް