އިންޑިއަން ނޭވަލް އެކަޑަމީގެ ޕާސިން އައުޓް ޕެރޭޑް މިނިސްޓަރު މާރިޔާ ޝަރަފުވެރި ކޮށްދެެއްވައިފި

އިންޑިއަން ނޭވަލް އެކެޑަމީގެ ޕާސިންގ އައުޓް ޕެރޭޑް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، ޝަރަފުވެރިކޮށްދެއްވައިފިއެވެ. މިއީ، އިންޑިޔާގެ އެޒިމަލާގައި ހުންނަ އޭޝިޔާގެ އެންމެ ބޮޑު ނޭ...

27 Nov 2021 | 16:47

އިންޑިއަން ނޭވަލް އެކެޑަމީގެ ޕާސިންގ އައުޓް ޕެރޭޑް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މިއީ، އިންޑިޔާގެ އެޒިމަލާގައި ހުންނަ އޭޝިޔާގެ އެންމެ ބޮޑު ނޭވަލް އެކެޑަމީގެ ޕާސިންގ އައުޓް ޕެރޭޑް ބޭރު ޤައުމެއްގެ ވަޒީރަކު ޝަރަފުވެރިކޮށްދެއްވި ފުރަތަމަ ފަހަރެވެ.

ހޮނިހިރުދުވަހު ހެނދުނު ބޭއްވި މިރަސްމިއްޔާތުގައި މިނިސްޓަރ މާރިޔާ ދެއްކެވި ވާހަކަފުޅުގައި، އެކަމަނާ ވަނީ، އިންޑިޔާ އާއި ރާއްޖެއާ ދެމެދު އޮތް ޑިފެންސް ކޯޕަރޭޝަން ޕާރޓްނަރޝިޕްގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މިގޮތުން، ދިފާޢީ ކަންކަމުގައި ދެޤައުމުގެ އެއްބާރުލުން ބިނާވެފައި އޮންނަނީ ހަމަހަމަކަމާއި، އިތުބާރާއި، ދެފަރާތުގެ ފައިދާ އާއި، ދެޤައުމާއި އިންޑިޔާ ކަނޑު ހިމެނޭ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަަށް އޮތް މުހިއްމު ބޭނުމުގެ މައްޗަށްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އިންޑިއަން ނޭވަލް އެކެޑަމީ (އައި.އެން.އޭ) އިން ދަސްވެނިވި މިޑްޝިޕްމަނުންނާއި ކެޑޭޓުންނާ މުޚާތަބުކޮށް، މިނިސްޓަރ މާރިޔާ ވިދާޅުވީ، އައި.އެން.އޭ ފަދަ ޤަދަރުވެރި، ތާރީޚީ މުއައްސަސާއަކުން ލިބުނު ޢިލްމާއި ފަންނީ މަޢުލޫމާތާއި ލީޑަރޝިޕްގެ ހުނަރު ބޭނުންކުރަންވާނީ، މިސަރަޙައްދުގެ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ޢަޒުމާއި ވިސްނުމުގައި ކަމަށެވެ. މިޒަމާނަކީ ދޭދޭ ޤައުމުތަމުގެ ސަލާމަތާއި ރައްކާތެރިކަމާ އެޤައުމުތައް ހިމެނޭ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިލާމެހިފައިވާ ޒަމާންކަން ފާހަގަކުރައްވައި، މިނިސްޓަރ މާރިޔާ ވިދާޅުވީ، ހިތްވަރާއި ކެރުމާއެކު، ނޭވީ އޮފިސަރުން ކޮންމެ އޮޕަރޭޝަނަކާ ކުރިމަތިލުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

މިނިސްޓަރ މާރިޔާ ވަނީ، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، އައި.އެން.އޭ އިން ތަމްރީނުކޮށްދީފައިވާ އެމް.އެން.ޑީ.އެފް އޮފިސަރުން، މިއަދު މަތީ ރޭންކުތަކުގައި، ދިވެހި އަސްކަރިއްޔާއަށް ޚިދުމަތްކޮށްދެއްވަމުން ގެންދަވާކަން ފާހަގަކުރައްވައި، އެކަމަށްޓަކައި އައި.އެން.އޭ އަށާއި އިންޑިޔާ ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެެ. އިންޑިޔާގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް ކަރަމްބީރު ސިންގުގެ ދަޢުވަތަކަށް އިންޑިޔާއަށް ކުރެއްވި މިދަތުރުފުޅުގައި، މިނިސްޓަރ މާރިޔާ ވަނީ، އިންޑިޔާގެ ނޭވީގެ ސަދަރން ކޮމާންޑަށާއި އިންޑިއަން ނޭވަލް އެކެޑަމީއަށް ޒިޔާރަތްކުރައްވައި، ޓްރެއިނިންގ ފެސިލިޓީތައް ބައްލަވާލައްވާފައެވެ.

އަދި އިންޑިޔާގައި ތަމްރީނުވަމުންދާ ދިވެހި ސިފައިންނާވެސް އެކަމަނާވަނީ ބައްދަލުކުރައްވާފައެވެ.

މީގެއިތުރުން، އިންޑިޔާގެ ނޭވީގެ ޓްރެއިނިންގ ކޮމާންޑުކަމަށްވާ ސަދަރން ނޭވަލް ކޮމާންޑުންވަނީ، އެމް.އެން.ޑީ.އެފްއަށް ބޭނުންވާ ހުރިހާ ރޮނގަކުން، ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދޭނެކަމުގެ ޔަޤީންކަން ދިވެހި ސަރުކާރަށް ދެއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް