ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑްގެ އާވައްތަރު އޮމިކްރޮން ވޭރިއަންޓް އިނގިރޭސި ވިލާތުން ވެސް ފެނިއްޖެ ކަމަށް އެ ޤައުމުން ބުނެފިއެވެ.
މިކަން ހާމަކޮށްފައި ވަނީ އެ ޤައުމުގެ ހެލްތު މިނިސްޓަރު ސާޖިދު ޖާވިދުއެވެ. އެ ޤައުމުގެ ހެލްތު މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ވަނީ، އިނގެރޭސި ވިލާތުގައި ކޮވިޑް-19 ގެ އާ ވޭރިއަންޓުގެ ދެ ކޭސް ފެނިފައިވާ ކަމުގައެވެ. ޗެމްސްފޯޑުގައި އެކަކު އަދި ނޮޓިންހަމްގައި އަނެކަކު ޕޮޒިޓިވް ވެފައިވާކަން ހާމަކޮށް ބުނެފައި ވަނީ މި ވަގުތު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ދާކަމުގައެވެ.
ކޮވިޑް-19 ގެ އައު ވޭރިއަންޓް އަށް ޕޮޒިޓިވް ވެފައިވާ ދެމީހުންނަކީ ދެކުނު އެފްރިކާއަށް ދަތުރު ކުރި ދެމީހުން ކަމުގައި ބުނެފައި ވެއެވެ.
ކޮވިޑް-19 ގެ އައު ވޭރިއަންޓް އޮމިކްރޮން ފުރަތަމަ ފެނިފައިވަނީ ދެކުނު އެފްރިކާއިންނެވެ. ދެކުނު އެފްރިކާއިން އައު ވޭރިއަންޓްގެ ކޭސްތައް ފެނުމާއި އެކު އެ ޤައުމުން މީހުން އެތެރެވުން ބައެއް ޤައުމުތަކުން ވަނީ މަނާކޮށްފައެވެ. އެގޮތުން ރާއްޖެ ހިމެނޭހެން ސްރީލަންކާ އަދި ފިލިޕީންސް އިން ވެސް ވަނީ އެފްރިކާގެ ޤައުމުތަކުން މީހުން ނާދެވޭނެހެން ބޯޑަރު ބަންދުކޮށްފައެވެ.
އިނގިރޭސި ވިލާތުން މި ވޭރިއަންޓް ފެނިފައިވާއިރު އިނގިރޭސި ވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ޤައުމެވެ. މި އަހަރުގެ މިހާތަަނަށް އައި އިރުވެސް އެ ޤައުމުން 29،224 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވާ ކަމުގައި ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް