ދެކުނު އެފްރިކާ ހިމެނޭހެން ހަތް ގައުމަކަށް ރާއްޖޭގެ ބޯޑަރު ބަންދުކޮށްފި

ކޮވިޑުގެ ނުރައްކާތެރި ވޭރިއަންްޓް އޮމިކްރޯން އާއި ގުޅިގެން، ދެކުނު އެފްރިކާ ހިމެނޭހެން ހަތް ގައުމަކަށް ރާއްޖޭގެ ބޯޑަރު ބަންދުކުރަން ނިންމައިފިއެވެ. މިކަން ހާމަކޮށްފައިވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ...

27 Nov 2021 | 15:20

ކޮވިޑުގެ ނުރައްކާތެރި ވޭރިއަންްޓް އޮމިކްރޯން އާއި ގުޅިގެން، ދެކުނު އެފްރިކާ ހިމެނޭހެން ހަތް ގައުމަކަށް ރާއްޖޭގެ ބޯޑަރު ބަންދުކުރަން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

މި ނޫސްބަޔާނުގައި ބުނެފައިވަނީ މިރޭ 12:00 އިން ފެށިގެން ވަކިގޮތެއް އަންގަންދެން ސައުތު އެފްރިކާ، ނެމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، އެސްވަޓީނީން ރާއްޖެއަށް މީހުން އެތެވުން ހުއްޓައިލަން ނިންމާފައިވާކަމަށެވެ. މީގެ ތެރޭގައި ރާއްޖެ އައުމުގެ 14 ދުވަސް މި ހަތް ގައުމުންކުރެ ގައުމެއްގައި 12 ގަޑިއިރު އުޅެފައި ޓްރާންސިޓް ވެފައި އަންނަ މީހުން ހިމެނޭކަމަށްވެސް ބުނެފައިވެއެވެ.

އެޗްޕީއޭއިން ބުނެފައިވާގޮތުގައި މި ހަތް ގައުމުން ރާއްޖެ އައުމުގެ 14 ދުވަސް ކުރިން 12 ގަޑިއިރަށްވުރެ ގިނަ އިރު ޓްރާންސިޓް ވެފައި އަންނަ މީހުން ހިމެނޭހެން ރާއްޖެ އަންނަ ދިވެހިންނާއި ވާކް ވިސާގައި އަންނަ މީހުން ރާއްޖެ އައުމަށްފަހު 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހޭނެ ކަމަށާއި މިފަދަ ފަރާތްތައް ކަރަންޓީނުން ރިލީޒް ކުރެވޭނީ 14 ދުވަސް ހަމަވުމުން ކޮވިޑު ޓެސްޓެއް ހަދައި ނަތީޖާ ނެގަޓިވް ވުމުންނެވެ.

މި އިއުލާނަށް އަމަލުކުރަން ފަށާއިރު މި ހަތް ގައުމުން ރާއްޖެއަށް ދަތުރުފަށާފައިވާ ފަރާތްތަކުންނާއި، ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި މި ގައުމުތަކުން ރާއްޖެއަށް އެތެރެވެފައިވާ ފަރާތްތައް މިވަގުތު ޕީސީއާރު ޓެސްޓެއް ހެދުމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އަދި 14 ދުވަހަށްވުރެ ގިނަ މުއްދަތަަކަށް ރާއްޖޭގައި ތިބޭ މީހުން 14 ދުވަސް ހަމަވުމުންވެސް އިތުރު ޕީސީއާރު ޓެސްޓެއް ހެދުމަށް ބުނެފައިވެއެވެ. މީގެ އިތުރުން ރާއްޖޭގައި 14 ދުވަހަށްވުރެ ކުރު މުއްދަތެއް ހޭދަކުރާ ފަރާތްތަކުން ރާއްޖޭން ފުރުމުގެ ކުރިން އިތުރު ޕީސީއާރު ޓެސްޓެއް ހެދުމަށްވެސް ބުނެފައިވެއެވެ.

އެމިކްރޯން ވޭރިއަންޓާއި ގުޅިގެން މި ފިޔަވަޅުތައް އަޅަން އެޗްޕީއޭއިން ނިންމާފައިވާއިރު މި އައު ވޭރިއަންޓަކީ ރާއްޖެއަށްވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެފައިވެއެވެ. އަދި ކޮވިޑު ވެކްސިންގެ ބޫސްޓަރ ޑޯޒް އެންމެހާ ދިވެހިންވެސް ޖެހުމަށް ރައީސް އިލްތިމާސްވެސް ކުރެއްވިއެވެ.

ރާއްޖޭގައި މިވަގުތު ބޫސްޓަރ ޑޯޒް ދެމުން އަންނަނީ 50 އަހަރުން މަތީގެ ފަރާތްތަކަށެވެ. ފްރަންޓްލައިން މުވައްޒަފުންނާއި ޓޫރިޒަމް ސެކްޓަރަށް މި ހަފްތާގައި ބޫސްޓަރ ޑޯޒް ދޭން ފަށާނެކަން ރައީސް ހާމަކުރެއްވިއެވެ. އަދި މުޅި ރާއްޖެއަށް ހުޅުވާލައިގެން އަންނަ މަހުން ފެށިގެން ބޫސްޓަރ ޑޯޒް ޖަހަން ފަށާނެކަމުގައިވެސް ރައީސް މިއަދު ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް