އޮމިކްރޯން ވޭރިއަންޓު: ލަންކާއިން ފިޔަވަޅުތައް ވަރުގަދަކޮށް ހަ ގައުމަކުން އެތެރެވުން މަނާކޮށްފި

ސައުތު އެފްރިކާ އިން ފެނުނު އައު ވޭރިއަންޓުގެ ސަބަބުން އަވަށްޓެރި ސްރީލަންކާ ގައި ފިޔަވަޅުތައް ވަރުގަދަކޮށް، ހަ ގައުމަކުން އެތެރެވުން މަނާކޮށްފި އެވެ. ސްރީލަންކާގެ ނޫސްތަކުގައި ބުނެފައިވަނީ އެގައުމަށް...

27 Nov 2021 | 12:38

ސައުތު އެފްރިކާ އިން ފެނުނު އައު ވޭރިއަންޓުގެ ސަބަބުން އަވަށްޓެރި ސްރީލަންކާ ގައި ފިޔަވަޅުތައް ވަރުގަދަކޮށް، ހަ ގައުމަކުން އެތެރެވުން މަނާކޮށްފި އެވެ.

ސްރީލަންކާގެ ނޫސްތަކުގައި ބުނެފައިވަނީ އެގައުމަށް އެތެރެވުން މަނާ ކޮށްފައިވަނީ ވޭރިއަންޓް ފުރަތަމަ ފެނުނު ދެކުނު އެފްރިކާ އާއި ބޮޓްސްވާނާ، ޒިމްބާބްވޭ، ނަމީބިއާ، ލެސޯތޯ، އަދި އިސްވަޓީނީގެ ދަތުރުވެރިން ކަމަށެވެ.

ލަންކާގެ ސިއްހީ ފަރާތްތަކާ ހަވާލާދީ ރިޕޯޓުތައް ބުނެފައިވަނީ މިކަން ތަންފީޒުކުރަން ފަށާނީ އަންނަ ހޯމަދުވަހުން ފެށިގެން ކަމަށެވެ. އަދި ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި މި ހަ ގައުމުން ލަންކާއަށް އައިސްފައިވާ ދަތުރުވެރިން 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރުމަށް އަންގާފައިވާ ކަމަށް ވެސް ބުނެ އެވެެ.

ލަންކާގެ އިތުރުން އޭޝިޔާ، ޔޫރަޕް އަދި މެދު އިރުމަތީގެ ބައެއް ގައުމުތަކުން ވެސް އެފްރިކާ ބައްރުން އަންނަ ދަތުރުވެރިންނަށް އެގައުމުތަކުގެ ބޯޑަރުތައް މިހާރުވަނީ ބަންދުކޮށްފަ އެވެ.

ޑަބްލިއުއެޗްއޯ އިން މިކަމުގައި ވަނީ އަވަސް އަރުވާލައިގެން މިފަދަ ފިޔަވަޅުތައް ނޭޅުމަށް ގައުމުތަކަށް ގޮވާލާފަ އެވެ.

އެހެންނަމަވެސް މި ވޭރިއަންޓަކީ ކަންބޮޑުވާން ޖެހޭ ވޭރިއެންޓެއް ކަމަށް އެ ޖަމާއަތުން ވަނީ ބުނެފަ އެވެ.

އަވަށްޓެރި ސްރީލަންކާ އިން މިފަދަ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާ އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވިދާޅުވެފައިވަނީ މި ވޭރިއަންޓާ މެދު ރާއްޖެއިން ވެސް ކަންބޮޑުވާ ކަމަށެވެ. އަދި މިކަމުގައި އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތައް ނިންމުމަށް ޓެގް ޓީމުން މިއަދު ބައްދަލުކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް