ހިޔާ ފްލެޓްތަކުގެ 3،500-4000 ފްލެޓަކަށް މާދަމާއިން ފެށިގެން ފެންބިލް ފޮނުވަން ފަށާނެކަމުގައި އެމްޑަބްލިޔުއެސްސީން މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑެރެކްޓަރު ހަސަން ޝާހު މީޑިއާ އާއި ބައްދަލު ކުރައްވާ އެ ކުންފުނިންް ހިޔާ ފްލެޓްތަކަށް ދެމުން އަންނަ ހިދުމަތްތަކާ ގުޅޭގޮތުން ވިދާޅުވީ ފްލެޓުތަކުގެ ފެން މީޓަރުގެ ތަހުލީލުތައް ކުރި އިރު 4،000 އެއްހާ ފްލެޓްގެ ފެން މީޓަރު ރަނގަޅުކަން ޔަގީންވެފައިވާ ކަމުގައެވެ. އެހެންކަމުން، މާދަމާއިން ފެށިގެން އެ ފްލެޓްތަަކަށް ބިލް ފޮނުވަން ފަށާނެ ކަމުގައެވެ.
އެމްޑަބްލިޔުއެސްސީން ވިދާޅުވީ މި ފްލެޓުތަކަށް، ފޮނުވާނީ ފާއިތުވި އޮގަސްޓު މަހުން ފެށިގެން ތިން މަހުގެ ފެން ބިލް އެއްކޮށް ކަމުގައެވެ.
އެކުންފުނިން ވިދާޅުވީ ތިން މަހުގެ ބިލް އެއްކޮށް އައި ނަމަވެސް ކަސްޓަމަރުންނަށް ބިލު ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއްް ހަމަޖައްސައިދީފައިވާނެ ކަމުގައެވެ. އެގޮތުން ބައިބަޔަށް ބަހާލައިގެން ބިލް ދެއްކުމުގެ އިހްތިޔާރާއި އެކު އެ މުއްދަތުގައި ތެރޭގައި ބިލުން ޖޫރިމަނާ ވެސް ނުނަގާގޮތަށެވެ.
ޝާހު ވިދާޅުވީ، އެކުންފުނީގެ ލީނިއަންސީ ޕޮލިސީގެ ދަށުން ކަސްޓަމަރުންނަށް ބައި ބަޔަށް ބަހާލައިގެން ވެސް ބިލް ދެއްކޭނެ ކަމުގައެވެ. އަދި އެ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރުމުން ބިލު ނުދެއްކުމުން އިތުރަށް އަރާ ބައި ވެސް މާފު ކުރެވިގެންދާނެ ކަމުގައެވެ.
އެމްޑަބްލިޔުއެސްސީން ފާއިތުވި ތިން މަސްދުވަހު އެ ސަރަހައްދަށް ވަނީ 13 މިލިއަން ރުފިޔާގެ ފެން ފޯރުކޮށްދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް