ބޯޑަރު ބަންދު ކުރުމަކީ ހައްލެއް ނޫން، ކޯވިޑާއި އެކު އުޅުން ނޫން ގޮތެއް ނެތް: ނަޝީދު

ކޯވިޑް-19ގެ އާ ވޭރިއެންޓާއި ގުޅިގެން ބޯޑަރު ބަންދު ކުރުމަށް ތާއީދު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ސައުތް އެފްރިކާގައި މިހާރު ހަލުވި ކަމާއި އެކު ފ...

27 Nov 2021 | 11:17

ކޯވިޑް-19ގެ އާ ވޭރިއެންޓާއި ގުޅިގެން ބޯޑަރު ބަންދު ކުރުމަށް ތާއީދު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސައުތް އެފްރިކާގައި މިހާރު ހަލުވި ކަމާއި އެކު ފެތުރެމުންދާ އާ ވޭރިއެންޓަކީ ސަމާލުކަންދީ ރައްކާތެރިވާން ޖެހޭ ވޭރިއަންޓެއް ކަމަށް ޑަބްލިއުއެޗްއޯއިން ބުނެފައިވެ އެވެ. ޔޫރަޕްގެ ގައުމުތަކުން ސައުތް އެފްރިކާއަށް ދަތުރު ކުރުމުގައި ފިޔަވަޅު އަޅަން ފެށުމާއި އެކު ރާއްޖެއިންވެސް ވަނީ އާ ވޭރިއަންޓާއި ގުޅިގެން އަޅާނެ ފިޔަވަޅާއި ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށް ބުނެފަ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގަ ނަޝީދު ވިދާޅުވީ އަނެއްކާ ރާއްޖެ ބަންދުކުރުމުގެ ވިސްނުން ވާނީ ވަރަށް ގެއްލުން ބޮޑު ވިސްނުމަަކަށް ކަަށެވެ. އެމަނިކުފާނު ވިދާޅުވީ ކޯވިޑާ އެކު އުޅުން ނޫން ގޮތެއް ނެތް ކަމަށެވެ.

މީގެ ކުރިންވެސް ނަޝީދު ވަނީ ކޯވިޑާއި ގުޅިގެން ބޯޑަރު ބަންދުކޮށް ރަށްތައް ބަންދު ކުރުމާއި ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އާ ވޭރިއަންޓް "އޮމިކްރޮން" އަކީ ރާއްޖެއަށް ބޮޑު ކަންބޮޑުވުމެއް ކަަމަށެވެ. އެހެންވެ އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް