ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތަކުގެ ފެން ބިލްތައް އަތް ނުފޯރާ ފަށަށް ބޮޑުވަނީ އެ ތަން އިމާރާތް ކުރި ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން (އެސްސީއީ)ގެ ތަކެތީގެ ސަބަބުން ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެ އެވެ.
ހިޔާ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފެށި ފަހުން މިހާރު ތިން ވަރަކަށް މަސްވެފައިވާއިރު ބައެއް މަސް މަހު އެޕާޓްމެންޓުތަކަށް ލައްކައަކަށް ވުރެ ގިނަ ރުފި
ޔާ އަރާފައިވެ އެވެ.
އެކަމާއި ގުުޅޭގޮތުން މިއަދު މީޑިއާގައި ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ ބިލު ބޮޑުވަނީ އެސްސީއީގެ ފެން ހޮޅިއާއި މީޓަރުތައް ބޭނުން ކުރާތީ ކަމަށާއި އޭގެ ތެރެއިން ތަކެތީގައި މައްސަލަ އުޅޭ ކަމަށެވެ. އޭނާ ވިދާޅުވީ އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެސްސީއީގެ މީޓަރުތަކުގައި ހުރި މައްސަލަތަކާއި ގުޅޭގޮތުން ޝާހު ވިދާޅުވީ އެ މީޓަރުގެ ރީޑިން އަކީ އިތުބާރުކުރާ ވަރުގެ ސައްހަ އެއްޗެއް ނޫން ކަމަށެވެ. މީޓަރުތަކުގައި ހައްލު ނުވެގެން އުޅޭ މައްސަލައަކީ ފޯލްޓީ މީޓަރުތަކާއި ބައެއް މީތަރުތަކުގައި ކޮމަން ސީރިއަލް ނަންބަރެއް ހުރުމުން އެމްޑަބްލިއުއެސްސީގެ ޑޭޓާބޭސްއަކަށް އެންޓާ ކުރެވެން ނެތުން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މައްސަލަ ހައްލު ކުރަން އެ ކުންފުނިން އެއްބާރުލުން ނުދޭނަމަ އަމިއްލަ މީޓަރު ބޭނުން ކޮށްގެން މައްސަލަ ހައްލު ކުރާނެ ކަމަށެވެ. ޝާހު ވިދާޅުވީ ފެން ބިލުގެ މައްސަލަ ހައްލުކުރަން އެ ކުންފުނިން މިދިޔަ ތިން މަހު "ކޮންސަމްޝަން ޕެޓާން އެނާލިސިސް" އެއް ހަދާފައިވާނެ ކަމަށެވެ.
މި އެނާލިސިސްގައި 7،000 ފްލެޓުގެ ތެރެއިން 3،500-4،000 އެއްހާ ފްލެޓުގައި ސައްހަ މީޓަރު ހުރިކަން އެނގިފައިވާ ކަމަށާއި އެ މީޓަރުތަކަށް ބިލު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ހިޔާ ޓަވަރުތަކުގެ ވަކި ފްލެޓުތަކުގައި ކޮންޓްރެކްޓަރުގެ ފެން މީޓަރުތައް ބަހައްޓާފައި ހުރި ނަމަވެސް އެމްޑަބްލިއުއެސްސީން ވަނީ އެ ކުންފުނީގެ ބަލްކް މީޓަރެއް އެ ސަރަހައްދުގައި ބަހައްޓާފަ އެވެ.
މި މީޓަރުން ދައްކާ ގޮތުގައި ފާއިތުވި ތިން މަސް ދުވަހު 13 މިލިއަން ރުފިޔާގެ ފެން، ހިޔާ ފްލެޓުތަކަށް ވަނީ ދޫކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް