އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންގެ ވަފުދެއް ރާއްޖޭގެ ޖަލުތަކުގެ ހާލަތު ބެލުމަށް ޒިޔާރަތް ކުރަން ނިންމައިފި އެވެ.
އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އަކީ ގާނޫނުތަކާ ހިލާފަށް މީހުން ހައްޔަރުކުރުމުގެ މައްސަލަތައް ބެލުމަށް މަސައްކަތް ކުރަމުންދާ އދ. ގެ ގުރޫޕް އެކެވެ.
ފަސް މެންބަރުން ހިމެނޭ އެ ވަފުދުގެ ބޭފުޅުން ރާއްޖޭގެ ޖަލުތަކުގެ ހާލަތު ވަޒަންކުރުމަށް ރާއްޖޭގައި ހަރަކާތްތެރި ވާނީ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހާއި ހަމައަށެވެ.
އެގޮތުން އެ ވަފުދުގެ ބޭފުޅުން މާލެ އާއި އަތޮޅު ތެރޭގެ ރަށްތަކަށް ވަޑައިގަންނަވާނެއެވެ. އަދި ޖަލުތަކާއި ފުލުހުންގެ މަރުކަޒުތަކާއި ބިދޭސީންނާއި ކުޑަކުދިންނާއި އެކި ކަހަލަ ނުކުޅުންތެރިކަން ހުންނަ މީހުން ބަލަހައްޓަމުންދާ މަރުކަޒުތަކަށް ވަޑައިގަތުމަށް ހަމަޖެހިފައި ވެއެވެ.
މީގެ އިތުރުން، ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުގެ ވެރިންނާއި އަމިއްލަ ޖަމިއްޔާތަކާއި ވެސް ބައްދަލުކުރައްވާނެއެވެ.
އެ ބޭފުޅުންގެ މި ޒިޔާރަތުގައި ރާއްޖޭގެ ޖަލުތަކުގެ ތެރެއިން ފާހަގަވާ ކަންކަމުގެ ވަގުތީ އެސެސްމަންޓެއް ހަދައި އެ މައުލޫމާތުތައް ފުރާވަޑައިގަތުމުގު ކުރިން ރާއްޖޭގެ ނޫސްވެރިންނަށް ހާމަކުރައްވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް