މައިލޯ ނެޝަނަލް ނެޓްބޯލް ޓޯނަމެންޓުގެ ރޭ ކުޅުނު އަންހެން ޑިވިޝަންގެ މެޗާއި ފިރިހެން ޑިވިޝަންގެ މެޗު ކުޅުދުއްފުށި ޔޫތް އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރްސީ) އިން ކާމިޔާބުކޮށްފި އެވެ.
އަންހެން ޑިވިޝަންގެ މެޗު އެޓީމުން ކާމިޔާބުކުރީ ލޮރެންޒޯ އާ ވާދަކޮށް 66 ޕޮއިންޓު 11 ޕޮއިންޓުން ނެވެ. މި މެޗުގެ ކްއީން އޮފް ދަ މެޗުގެ މަގާމު ހޯދީ ކޭވައިއާރްސީ ގެ އައިމިނަތު ރަބާބު އިބްރާހިމް އެވެ.
ރޭ ކުޅުނު ފިރިހެން ޑިވިޝަންގެ މެޗުގައި ބައްދަލުކުރީ ކޭވައިއާރްސީ އާއި މެޓްރިކްސް އެވެ. މި މެޗު ކޭވައިއާރްސީ އިން ކާމިޔާބުކުރީ 32 ޕޮއިންޓު 25 ޕޮއިންޓުން ނެވެ.
ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ކޭވައިއާރްސީ ގެ ހުސައިން ސަމްވީލް އެވެ.
މި މުބާާރތުގައި މިއަދު ހަވީރު 16:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ޔޫތް ޔުނައިޓެޑާއި މަހިބަދޫ އެވެ. އަދި މިރޭ 19:45 ގައި ބައްދަލުކުރާ މެޗުގައި ޔުނައިޓެޑް ޔުނިޓީ އާއި ޝައިނިންގ ސްޓާރ އބައްދަލުކުރާ އިރު، 21:30 ގައި ބައްދަލުކުރާނީ ގްރީން ސްޓްރީޓްސް އާއި މެޓްރިކްސް އެވެ.
މިއަހަރުގެ މުބާރާތުގައި އަންހެން 9 ޓީމު ބައިވެރިވެފައިވާ އިރު، އެޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލާފަ އެވެ.
ގްރޫޕް އޭގައި ހިމެނެނީ ގްރީން ސްޓްރީޓްސް، ޒެނިތް ސްޕޯޓްސް، ކްލަބް މެޓްރިކްސް، ޝައިނިންގ ސްޓާރ އަދި ޔުނައިޓެޑް ޔުނިޓީ އެވެ. ގްރޫޕް ބީގައި ހިމެނެނީ ކުޅުދުއްފުށި ޔީތް އެންޑް ރެކްރިއޭޝަން (ކޭވައިއާރްސީ)، ޔޫތް ޔުނަިއޓެޑް، ލޮރެންޒޯ އަދި މަހިބަދޫ ސްޕޯޓްސް ކްލަބެވެ.
މި މުބާރާތުގެ ފިރިހެން ބައިގާ ބައިވެރިވެފައިވަނީ ސްކައިލާރކް، ކޭވައިއާރްސީ އަދި މެޓްރިކްސް އެވެ.
ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ބާއްވާ މި މުބާރާތުގެ މެޗުތައް ބެލުމަށް ހިލޭ ވަނުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
އެޗްޕީއޭގެ ގައިޑުލައިންތަކަށް އިޙްތިރާމު ކުރުމަށް އެދި، ނެޓްބޯލް އެސީސިއޭޝަނުން ބުނީ މެޗު ބެލުމަށް ވަދެވޭނީ ކޮވިޑު ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ފަރާތަކަށް ކަމަށެވެ. އަދި މާސްކު އަޅައިގެން އިޖުތިމާޢީ ގައިދުރުކަމާއެކު ކުޅިބަލަން ތިބުމަށް އެ އެސޯސިއޭޝަނުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް