އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އާއި ބޮލީވުޑް އަދި ހޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ދެމަފިރިން ވަރިވާން އުޅޭ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަށް ޖަވާބު ދީފި އެވެ.
ދެމަފިރިން ވަރިވާ އުޅޭ ކަމަށް ބުނެ ވާހަކަ ދެކެވެން ފެށީ ޕްރިޔަންކާގެ އިންސްޓަގްރާމް ޕޭޖުގައި އިންނަ ނަން ބަދަލު ކުރުމުންނެވެ. ދެމީހުންގެ ކައިވެންޏަށް ފަހު ޕްރިޔަންކާ ޗޯޕްރާ ޖޯނަސް ޖެހުމަށް ފަހު މިދިޔަ ހަފްތާގައި އޭނާ ވަނީ ނަމުން ޖޯނަސް ކަނޑާލާފަ އެވެ.
މިއާއި އެކު ގިނަ ބަޔަކު ވަނީ ދެމަފިރިން މައްސަލަ ޖެހިގެން އުޅޭ ކަމަށް ބުނެ ވާހަކަ ދައްކަން ފަށާފަ އެވެ. އަދި ވަރަށް އަވަހަށް ދެމީހުން ވަރިވާނެ ކަމަށްވެސް ބުނެފައިވެ އެވެ.
މި ވާހަކަތަކަށް ރައްދު ނުދީ ހުރުމަށް ފަހު ޕްރިޔަންކާ އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ވަނީ ދެމީހުންގެ ގުޅުން ބަދަހިކަން ބުނެދީފަ އެވެ. ދެ މީހުން އެކީގައި ނަގާފައިވާ ފޮޓޯއަކާ އެކު ނިކް ޓެގްކޮށް، ޕްރިޔަންކާ ބުނީ "ޝުކުރުވެރިވާ" ކަމަށާއި "ނިކް ދެކެ ވަރަށް ލޯބިވާ" ކަމަށެވެ.
ދެމީހުން ވަރިވާ ކަމަށް ބުނެ ވާހަކަ ދެކެވެެން ފެށުމުން ޕްރިޔަންކާގެ މަންމަ މަދޫ ޗޯޕްރާވެސް ވަނީ އެއީ ދޮގެއް ކަމަށް ބުނެފަ އެވެ. އަދި ތާކުންތާކުން ނުޖެހޭ ދޮގު ވާހަކަދެއްކުން ހުއްޓާލުމަށް މަދޫ އެދުނެވެ.
ޕްރިޔަންކާގެ ގާތް މީހަކު ބުނީ އިންސްޓަގްރާމްގެ ނަމަސް ބަދަލު ގެނައީ "ސްޕްރިޗަލް ސަބަބަކާ ހެދި" ކަމަށާއި ދެ މީހުންގެ ގުޅުމާއި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
https://www.instagram.com/p/CWtu8xHN6X6/
ޕްރިޔަންކާ އާއި ނިކް ކައިވެނި ކުރީ 2018 ވަނަ އަހަރު އެވެ. ދެމީހުންގެ ކައިވެންޏާއި ގުޅިގެން އެންމެ ގިނަ ބަޔަކު ފާޑުކީ އުމުރު ތަފާތު ކަމުންނެވެ. ނިކްގެ އުމުރުން 29 އަހަރު މިއަހަރު ފުރުނު އިރު ޕްރިޔަންކާއަށް މިއަހަރު ފުރުނީ 39 އަހަރެވެ.
ބޮލީވުޑްގެ މަޝްހޫރު ގިނަ ފިލްމުތަކެއް ކުޅެފައިވާ އަދި މިސް ވޯލްޑުގެ މަގާމު ހޯދާފައިވާ ޕްރިޔަންކާ ކައިވެންޏަށް ފަހު ދިރިއުޅެނީ އެމެރިކާގަ އެވެ. އަދި ގިނައިން މިހާރު ކުޅެނީވެސް އިނގިރޭސި ފިލްމުތަކާއި ޑްރާމާ ސިލްސިލާތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް