ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި ތޮއްޑޫގައި ރީޑިންގ ޕާކެއް ގާއިމްކޮށްފި

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން އއ. ތޮއްޑޫގެ ބަނދަރު ސަރަހައްދުގައި ފޮތް ކިއުމަށް ހާއްސަކޮށް ރީޑިންގ ޕާކެއް ގާއިމްކޮށްފި އެވެ. މި ރީޑިންގ ޕާކުގެ މަސައްކަތް ރާވައި ހިންގާފައިވަނީ ތޮއްޑޫ ސްކޫލްގެ ...

27 Nov 2021 | 06:47

 ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން އއ. ތޮއްޑޫގެ ބަނދަރު ސަރަހައްދުގައި ފޮތް ކިއުމަށް ހާއްސަކޮށް ރީޑިންގ ޕާކެއް ގާއިމްކޮށްފި އެވެ.

މި ރީޑިންގ ޕާކުގެ މަސައްކަތް ރާވައި ހިންގާފައިވަނީ ތޮއްޑޫ ސްކޫލްގެ ލީޑިން ޓީޗަރެއްގެ މަގާމު އަދާކުރައްވަމުން ގެންދަވާ އާދަމް އަފްސަލް އެވެ.

މި ޕްރޮޖެކްޓް ގެ މަގްސަދަކީ ފޮތް ކިޔުމުގެ ޝައުގު އުފެއްދުމާއި ފަސޭހަކަމާއެކު ފޮތް ކިޔޭނެ މާހައުލެއް ގާއިމްކޮށް އާއިލާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމެެވެ. މި ރީޑިންގ ޕާކުގައި ދަރިވަރުންނަށް ހާއްސަކޮށްފައިވާ މިނީ ލައިބްރަރީ އެއްވެސް ހިމެނެ އެވެ. މިތަނަށް ޒިޔާރަތް ކުރާ ބެލެނިވެރިންނަށް ހާއްސަކޮށް ޖޯއްޔާއި އުނދޯލި ވަނީ ބަހައްޓާފަ އެވެ.

މާ ބަގީޗާއެއްގެ ގޮތުގައި ތަރައްޤީކޮށްފައިވާ މި ރީޑިންގ ޕާކުގައި ތުއްތު ކުދިންގެ މޮޓޯ ސްކިލްސް ތަރައްގީ ކުރުމަށް ޗެސް، ޑޮމިނޯ ފަދަ ސިކުނޑި ތަރައްގީކޮށްދޭ ކުޅިވަރުތައް ކުޅުމުގެ ފުރުސަތުވެސް ވަނީ މަގުފަހިކޮށްދީފަ އެވެ. ކުދިންގެ މައުލޫމާތު މުއްސަނދި ކުރުމަށް ދިވެހި ވެށީގައިވާ ތަފާތު ތަކެއްޗާއި ގަސްތަކުގެ ނަންތައް ކުދިންނަށް ދަސްކޮށްދިނުމަށްޓަކައި ބޯޑުތައް ވަނީ ހަރުކޮށްފަ އެވެ.

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން އާދަމް އަފްސަލް ވިދާޅުވީ " ކުޑަކުދިންނަށް ހާއްސަ ޕާކެއް މި ރަށުގައި ނެތުމުގެ އިތުރުން މި ރަށުގެ ސްކޫލުގައި ހުންނަ ލައިބްރަރީ ފިޔަވާ އިތުރު ލައިބްރަރީ އެއްނެތް. އެހެންކަމުން ކުދިން ފޮތް ކިއުމަށް ޝައުގު އުފެއްދުމުގެ ގޮތުން އައި ހިޔާލެއް މިއީ. މި ރީޑިންގ ޕާކުގެ ސަބަބުން ދަރިވަރުންނަށް ރަށްޓެހިކުދިންނާއި އަދި އާއިލާ އާއި އެކުގައި އައިސް ފިލާވަޅުތައް މުތާލިއާކުރުމުގެ ފުރުސަތު ލިބިގެންދާނެ. މިރަށަށް ނުހަނު ބޭނުންތެރި މި ޕްރޮޖެކްޓް ހަގީގަތަކަށް ހެދުމަށްޓަކައި ބީއެމްއެލް އިން ވެދެއްވި މާލީ އެހީތެރިކަމަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން."

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މިއަހަރަކީ މެދުކެނޑުމެއްނެތި ކޮމިއުނިޓީ ފަންޑު ހިންގާތާ ތިންވަނަ އަހަރެވެ. އަދި މިހާތަނަށް މިފަންޑުގެ ދަށުން 55 ޕްރޮޖެކްޓަކަށްވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް