އައު ވޭރިއަންޓަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް، ގޮތްތަކެއް ނިންމުމާމެދު މިއަދު މަޝްވަރާކުރާނެ: ރައީސް ސޯލިހް

ކޮވިޑްގެ އައު ވޭރިއަންޓް "އޮމިކްރޯން" އަކީ ރާއްޖެއަށްވެސް އޮތް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިކަ...

27 Nov 2021 | 06:47

ކޮވިޑްގެ އައު ވޭރިއަންޓް "އޮމިކްރޯން" އަކީ ރާއްޖެއަށްވެސް އޮތް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިކަމާއި ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެމަނިކުފާނުގެ ޓްވީޓްގައި ވިދާޅުވެފައިވަނީ އައު ވޭރިއަންޓަކީ އަޅުގަނޑުމެންނަށްވެސް އޮތް ވަރަށްބޮޑު ކަންބޮޑުވުމަކަށްވާއިރު، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން މިއަދު މިކަމާއި ގުޅޭގޮތުން މަޝްވަރާތަކެއް ކުރައްވާނެ ކަމަށެވެ. އަދި އަޅާނެ ފިޔަވަޅުތަކާމެދު ގޮތްތަކެއް ނިމިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ވަނީ ވެކްސިންގެ ބޫސްޓަރ ޑޯޒާއި ބެހޭގޮތުންވެސް ވާހަކަފުޅު ދައްކަވައިފައެވެ.

އެގޮތުން ރައީސް ވިދާޅުވީ މިހާރު ބޫސްޓަރ ޑޯޒް ދެވެމުން އަންނަނީ 50 އަހަރުން މަތީގެ ފަރާތްތަކަށް ކަމަށާއި، ސިއްހީ ހިދުމަތްތެރިންނާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކާއި އެއާޕޯޓްގެ ފްރަންޓްލައިން މުވައްޒަފުންނަށް ބޫސްޓަރ ޑޯޒް ދިުން މި ހަފްތާގައި ފެށިގެންދާނެ ކަމަށެވެ. މުޅި ރާއްޖެއަށް ބޫސްޓަރ ޑޯޒް ދިިނުން ޑިސެމްބަރުގައި ފެށިގެންދާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރައްޔިތުން ބޫސްޓަރ ޑޯޒް ނެންގެވުމަށްވެސް ރައީސް ސޯލިހް އިލްތިމާސްކުރައްވާފައިވެއެވެ.

https://twitter.com/ibusolih/status/1464474443015606274

އައު ވޭރިއަންޓް އެމިކްރޯން މައިގަނޑުގޮތެއްގައި ފެނިފައިވަނީ ދެކުނު އެފްރިކާ އާއި ގާތް ގައުމުތަކުންނެވެ. މީގެ އިތުރުން އިޒްރޭލާއި އިތުރު ބައެއް ގައުމުތަކުންވެސް މި ވޭރިއަންޓް ފެނިފައިވެއެވެ.

މި ވޭރިއަންޓަކީ ނުރައްކާ ބޮޑު ވޭރިއަންޓެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާއިރު، މިހާރު ދެމުންދާ ވެކްސިންތަކަށް މި ވޭރިއަންޓް ނުގުޑަފާނެ ކަމުގެ ކަންބޮޑުވުންވެސް އެބަ އޮތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް