ރަޝިއާގެ ސައިބީރިއާ ކެމެރޯވޯ ރިޖަންގެ ކޯލް މައިނެއް ގޮވައި ހިނގި ހާދިސާގައި މަރުވި މީހުންގެ އަދަދު 59ށް އަރައިފި އެވެ.
އެ މައިން ގޮވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ހާދިސާ ހިނގި އިރު މައިންގެ 3،500 ކިލޯމީޓަރު އަޑީގައިވެސް މީހުން ތިބި ކަމަށްވެ އެވެ.
ހާދިސާ ހިނގި އިރު މައިންގައި 287 މީހުން މަސައްކަތް ކުރަމުން ދިޔަ އެވެ. އޭގެ ތެރެއިން ގިނަ ބަޔަކު އެކި ގޮތް ގޮތުން ސަލާމަތްވެގެން މައިނުން ނުކުމެފައިވެ އެވެ. ސަލާމަތްވި މީހުންގެ ތެރެއިން 49 މީހަކަށް ސީރިއަސް އަނިޔާތަކެއް ވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވެ އެވެ.
އިތުރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު މައިނުން މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ދޭތެރެ ދޭތެރެއިން މީތޭން ގޭހާއި ދުމުގެ ސަބަބުން އާއި ގުޅިގެން ކުރިޔަށް ނުގެންދެވިގެން ހުއްޓާލަން ޖެހެ އެވެ. މި ހާދިސާ ހިނގީވެސް މީތޭން ގޭސް ލީކުވެގެންނެވެ.
ރިޕޯޓުތައް ބުނާގޮތުގައި މި ހާދިސާ އާއި ގުޅިގެން އެ މައިންގެ ޑިރެކްޓަރާއި ޑެޕިއުޓީ ޑިރެކްޓަރު ވަނީ ހައްޔަރު ކޮށްފަ އެވެ. ރަޝިއާ ފުލުހުން އެ ދެމީހުން ހައްޔަރު ކުރީ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްފައި ނުވާތީ އެވެ.
2004 ވަނަ އަހަރުވެސް ހަމަ އެ ސަރަހައްދުގެ ކޯލް މައިނެއް ގޮވައި 13 މީހުން މަރުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް