ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް ރައީސް އަޑުއައްސަވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަންގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ. މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއ...

27 Nov 2019 | 14:13

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަންގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ޓެކްސީ ދުއްވާ ޑްރައިވަރުންވަނީ، އެ ބޭފުޅުންނަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލު ކުރެވޭނެ ގޮތްތަކާމެދު ރައީސުލްޖުމްހޫރިއްޔާ އާއިއެކު މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޓެކްސީ ޑްރައިވަރުންގެ ފަރާތުން ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ޤަވާއިދުގެ ދަށުން، އުޅަނދު އުފެއްދި ތާރީޚުން ފެށިގެން 20 އަހަރު ފުރިފައިވާ އުޅަނދުތަކުގެ ހުއްދަ ބާޠިލުކުރުމާއި ގުޅިގެން ކުރިމަތިވާ ދަތިތައް ހިމެނެއެވެ. މީގެ އިތުރުން، މި ޤަވާއިދުގެ ދަށުން ޓެކްސީ ކުރަން ބޭނުންކުރާ އުޅަނދުފަހަރު އައު ކުރުމަށް މާލީ ގޮތުން ހުރި ގޮންޖެހުންތަކުގެ މަޢުލޫމާތު އެ ބޭފުޅުންވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާކުރައްވާ، އެ ކަންތައްތައް ޙައްލު ކުރެވޭނެ ގޮތްތަކާއިމެދު މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުންވެސް ޓެކްސީގެ ޚިދުމަތްތައް އެންމެ އެކަށީގެންވާ ފެންވަރެއްގައި ފޯރުކޮށްދިނުމަށް ހުރި އެހެނިހެން ދަތިތަކުގެ މަޢުލޫމާތުވެސް އެ ބޭފުޅުންވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޓެކްސީ ޑްރައިވަރުންނާއި، ޓެކްސީ ޚިދުމަތް ފޯރުކޮށްދޭ އެހެނިހެން ފަރާތްތަކާއި، ޓެކްސީގެ ޚިދުމަތް ހޯދާ ފަރާތްތައް ޝާމިލްވާގޮތަށް، އެއްވެސް ފަރާތަކަށް ދަތިނުވާނެ ގޮތްތައް ބައްލަވައި، ޓެކްސީ ޑްރައިވަރުން ފާހަގަކުރައްވާފައިވާ ކަންތައްތައް ޙައްލު ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި، ޓެކްސީގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަވާނެ ގޮތްތައް ބައްލަވައި، ވީހާވެސް ފުރިހަމައަށް އެ ޚިދުމަތް ފޯރުކޮށްދެއްވުމަށް ޓެކްސީ ޑްރައިވަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް