ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަން ހަނިކޮށް، އެއްވެ އުޅުމުގެ ގާނޫނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭރުގެ ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު އުވާލުމުގެ ވިސްނުން ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިގޮތަށް ވިދާޅުވީ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި އެ އިސްލާހާ މެދު ވާހަކަ ދައްކަވަމުންނެވެ.
އިސްލާހާ އުވާލުމާ މެދު ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން މިނިސްޓަރު އިމްރާންގެ ލަފައަކަށް އެހުމުން، އޭނާ ވިދާޅުވީ ގާނޫނުތަކާއި ގަވާއިދުތަކުން ދެވެން އޮތް އެންމެ ފުޅާމިނަކަށް ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ރައްޔިތުންނަށް ކަށަވަރުކޮށް ދޭން ބޭނުންވާ ކަމަށެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިދިޔަ ރިޔާސީ އިންތިހާބުގައި ވަނީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެ އުޅުމުގެ ހައްގު ހަނިކޮށް ގާނޫނަށް ގެނައި އެ އިސްލާހު އުވާލައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް