މަންޓާ އެއާގެ ތިންވަނަ ކޮމާޝަލް މަންޒިލަކީ ހުވަދު އަތޮޅުކަން މަންޓާއިން އިއުލާނުކޮށްފިއެވެ.
މަންޓާއިން ބުނެފައިވާގޮތުގައި ހުވަދުއަތޮޅަށް މަންޓާ ދަތުރުކުރަން ނިންމާފައިވަނީ ކޫއްޑޫ އެއާޕޯޓް މެދުވެރިކޮށެވެ. އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަންޓާ ހުވަދުއަށް އުދުހޭނެ ކަމުގައި މަންޓާއިން ބުނެފައިވެއެވެ.
އެގޮތުން "ކަނެކްޓިވިޓީ އޮޕްޝަންސް" ތަކާއެކު ކޮންމެ ދުވަހަކު ޝެޑިއުލް ދަތުރުތައް ކޫއްޑޫއަށް ކުރާނެ ކަމުގައި މަންޓާއިން ބުނެއެވެ.
މަންޓާ އެއާ ކޫއްޑޫ ޓިކެޓް މިހާރުވެސް އޮންލައިންކޮށް މަންޓާގެ ރަސްމީ ވެބްސައިޓް www.mantaair.mv އިން ބައްލަވައިގަނެވޭނެ ކަމުގައިވެސް މަންޓާއިން ބުނެއެވެ.
އައު މަންޒިލަށް ފަށާ ދަތުރުތަކާއެކު މަންޓާ އެއާގެ ސީއީއޯ މުހައްމަދު ޚަލީލް ވިދާޅުވީ އުފަލާއެކު މަންޓާ އެއާގެ އައު މަންޒިލެއް މިއަދު އިއުލާނުކުރެވޭހިނދު އެ އެއާލައިނަށް ވަނީ މި އަހަރުގެ މަދު ދުވަސްކޮޅެއްގެ ތެރޭގައި ކަސްޓަމަރުންގެ ދަތުރު ފާގަތި ދަތުރަކަށް ހެދުމުގައި ގިނަ ލަނޑުދަނޑިތަކެއް ހާސިލުކުރެވިފައި ކަމަށެވެ.
"މަންޓާ އާއެކު ކޫއްޑޫއަށް ކުރެވޭ ދަތުރަކީ އުފަލުން ފުރިގެންދާނެ، ހިތްފަސޭހަ ދަތުރަކަށް ވެގެންދާނެކަމުގެ ޔަގީންކަން އަރުވަން" މަންޓާ އެއާގެ ސީއީއޯ ޚަލީލް ވިދާޅުވިއެވެ.
މަންޓާ އެއާގެ ދަތުރުތައް ފެށިތާ އަދި އަހަރެއްވެސް ނުވެއެވެ. ނަމަވެސް މަންޓާއިން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހާސިލު ކުރަމުންނެވެ. އުދުހުގެ ދާއިރާގައި އެތެރޭގެ އުދުހުންތަކުގެ ވައްޓަފާޅި ބަދަލުކޮށްލަމުންނެވެ.
ކަސްޓަމަރުންނަށް ފަސް ތަރީގެ ހިދުމަތެއް ދެމުން އަންނަ މަންޓާ އެއާއިން މިއަދު އެ އިއުލާނުކުރީ އެ އެއާލައިންގެ ކޮމާޝަލް ތިންވަނަ މަންޒިލެވެ. މިހާރު ދަތުރުކުރަމުން އަންނަ އަނެއް ދެ މަންޒިލަކީ ދަރަވަންދޫ އަދި ކުޑަހުވަދޫއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް