އުތީމުން މިއަދު ފެނުނު ކަމަށް ބުނާ އާސާރީ ވަޅު ކުރިންވެސް އެތާ އޮތް!

ހއ. އުތީމު ހުޅަނގު ފަރާތު ތުނޑީ ސަރަހައްދުން މިއަދު ފެނުނު ކުރީގެ އާސާރީ ވަޅަކީ ކުރިންވެސް އެތަނުގައި އޮތް އެއްޗެއް ކަމަށް އެ ރަށު މީހަކު ބުނެފި އެވެ. އުތީމު ކައުންސިލުން މިއަދު ބުނީ އެ ވަޅު ފެނިފައިވ...

27 Oct 2021 | 16:26

ހއ. އުތީމު ހުޅަނގު ފަރާތު ތުނޑީ ސަރަހައްދުން މިއަދު ފެނުނު ކުރީގެ އާސާރީ ވަޅަކީ ކުރިންވެސް އެތަނުގައި އޮތް އެއްޗެއް ކަމަށް އެ ރަށު މީހަކު ބުނެފި އެވެ.

އުތީމު ކައުންސިލުން މިއަދު ބުނީ އެ ވަޅު ފެނިފައިވަނީ އެ ސަރަހައްދު ވަރަށް ބޮޑަށް ގިރާލުމުން ކަމަށެވެ. އަދި ވަޅު ފެނިގެން ރިޕޯޓު ކުރީ މިއަދު ކަމަށެވެ.

އުތީމު ކައުންސިލުން ފޭސްބުކްގައި އެ މައުލޫމާތާއި އެކު ފޮޓޯ އާންމުކޮށް ކުރި ޕޯސްޓަށް މީހަކު ވަނީ ހަމަ އެ ވަޅު އެ ސަރަހައްދުގެ ގިރާފައިވާ ސަރަހައްދުގެ ގަސްތަކުގެ މޫތަކުގެ ތެރޭގައި އަރިއަކަށް އޮއްވަ ނަގާފައިވާ ފޮޓޯއެއް ކޮމެންޓުގެ ގޮތުގައި ލާފަ އެވެ. އަދި ބުނެފައިވަނީ އެ ފޮޓޯއަކީ މިއަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު ނަގާފައިވާ ފޮޓޯއެއް ކަމަށެވެ.

ފޭސްބުކްގައި އަހުމަދު ވަހީދު ނަމަކަށް ކިޔާ އެމީހާ އޭގެ ފަހުން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ މީގެ ތިން މަސް ކުރިން ގަސްތަކުގެ ތެރޭގައި އެ ވަޅު އޮއްވަ ފޮޓޯ ނެގީ އޭނާ ކަމަށެވެ. އަދި އެ ވަޅަކީ މިއަދު އެތަނުން ފެނުނު އެއްޗެއް ނޫން ކަމަށާއި ކުރިންވެސް އެތަނުގައި އޮތް އެއްޗެއް ކަމަށެވެ.

މިއަދު ވަޅު ފެނުނު އިރު ވަޅު ހުރީ ކޮޅަށްޖެހިފަ އެވެ. އަދި އެ ސަރަހައްދު ގިރާލާފައި އޮތުމުގެ ސަބަބުން ވަޅުތެރެއަށް ހުރީ ފެން އެޅިފަ އެވެ.

އުތީމު ކައުންސިލުން މީޑިއާގައި ބުނީ އެ ވަޅަކީ އުތީމު ގަނޑުވަރަށް ވީހާ ދުވަހެއް ވެފައިވާ ވަޅެއް ކަމަށް ބެލެވޭތީ ވަޅަށް 500 އަހަރު ވަރު ވެދާނެ ކަމަށެވެ. އެ ވަޅު ހަދާފައި ހުރީ ވެލި ގަލުން ނެވެ.

އުތީމު ކައުންސިލުން މައުލޫމާތު ދޭގޮތުގައި މިވަޅު ހިމާތްޔަތް ކުރުމަށްޓަކައި އެ ކައުންސިލާއި ، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒާއި ، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި ގުޅިގެން މިހާރު ދަނީ މަޝްވަރާ ކުރަމުންނެވެ. މިހާރު އެ ވަޅު ހުރި ސަރަހައްދު ވަކިން ބަންދު ކޮށްފައިވަނީ ވަގުތީ ގޮތުން ރައްކާތެރި ކުރުމުގެ ގޮތުން ކަމަށް ބުންޏެވެ.

އުތީމަކީ އާންމުކޮށްވެސް އާސާރީ ތަކެތި ފެންނަ ރަށެކެވެ.

އެހެން ކަމުން އެއީ ކުރިން އެތަނުގައި އޮތް އެއްޗަކަށް ވިޔަސް އާސާރީ ވަޅަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އެ ވާޅު މިއަދު ފެނިފައިވަނީ އާންމުކޮށް މީހުން ގޮސް މިހާރު ނޫޅޭ ސަރަހައްދަކަށް ވާތީ ކުރިން އެ ވަޅު އެހެން މީހަކަށް ނުފެނި އޮތުމަކީވެސް އެކަށީގެންވާ ކަމެކެވެ.

މިކަމާއި ގުޅިގެން ހެރިޓޭޖް މިނިސްްރީން އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް