ސްކޫލް މާޙައުލުގައި ދަރިވަރަކަށް މުދައްރިސުންނާއި ސްކޫލްގެ އެހެންވެސް މުވައްޒަފެއްގެ ފަރާތުން ޖިންސީ ގޯނާ ކުރިމަތިލާން ޖެހުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށް ރައިޒް އަޕް މޯލްޑިވްސް އިން ބުނެފި އެވެ.
ރައިޒް އަޕް މޯލްޑިވްސް އިން މިހެން ބުނެ ބަޔާނެއް ނެރެފަައިމިވަނީ ވެރިރަށް މާލޭގެ ޕްރީ ސްކޫލެއްގެ ހަތަރު އަހަރުގެ ކުޑަ ކުއްޖަަކަށް އެ ސްކޫލުގެ މުވައްޒަފެއްގެ ފަރާތުން ޖިންސީ އަނިޔާ އާއި ކުރިމަތި ވެފައިވާތީ އެ އަމަލު ކުށްވެރި ކޮށް އެކަމަށް އިޝާރަތް ކޮށްފަ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ މިފަދަ އަމަލުތަކަކީ ބަލައިގަނެވޭނޭ އަމަލުތައް ނޫން ކަމަށާއި މިއީ ކުދިންނަށް މިނިވަންކަމާއިއެކު އުނގެނުމަށް ލިބިފައިވަ ހައްޤަށް ބުރޫ އަރައި އެކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭ ބޮޑު ހުރަހެއް ކަމުގައެވެ.
އެގޮތުން ހަތަރު އަހަރުގެ ކުއްޖަކަށް މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ދިމާވި ޖިންސީ އަނިޔާގެ މައްސަލަ އަވަސް ތަހުޤީގެއް ކޮށް ފިޔަވަޅު އެޅުމަށް ގޮވާލާފައި ވެއެވެ. ތަހުޤީގު މަރުޙަލާ ލަސްވެ ފިޔަވަޅު އެޅުން ލަސްވާތީވެ ރައިޒް އަޕް މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.
މީގެ އިތުރުން ކަމާބެހޭ އެއްވެސް އިދާރާއަކުން މިމައްސަލަ ކުރިއަށްދާ ގޮތުގެ ތަފްސީލެއް ހާމަ ނުކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް ބުނެފައި ވެއެވެ. އަދި މިހެން މިކަން ހިނގައި ދިޔުމުގެ ސަބަބުން ދަރިން ސްކޫލަށް ފޮނުވުމަށް މައިންބަފައިންގެ ހިތުގައިި ނުތަނަވަސްކަން އުފެދި އެކުދިންގެ އުނގެނުމަށް ބުރޫ އެރުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ވެސް ބުނެފައި ވެއެވެ.
"މިއީ ތުއްތު ކުދިންތަކެއްގެ ސަލާމަތާ ރައްކާތެރިކަން ހިމެނިފައިވާ މައްސަލައެއްކަމުން މިވަގުތު ކަންބޮޑުވެފައި ތިބި އެތައް ބެލެނިވެރިޔެއްގެ ފަރާތުން ރައިޒް އަޕް އިން މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަދި މިނިސްޓަރ އޮފް ޖެންޑަރ އަށް މިމައްސަލަ އާއި ގުޅިގެން ހިނގަމުން ދާ ތަހުޤީގު ގޮސް ފައިވާ ހިސާބު ހާމަ ކުރުމަށާއި މި އަމަލު ހިނގާފައިވާ ސުކޫލުގައި އެހެން އެއްވެސް ދަރިވަރަަކަށް ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވޭތޯ ބަލާ ފުރިހަމަ ތަހުޤީގެއް ކުރުމަށް ގޮވާލަން." ރައިޒް އަޕް ގެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން މިފަދަ އިތުރު ހާދިސާއެއް ސުކޫލެއްގައި ނުހިނގާނެ ގޮތަށް ކަންކަން ރޭވުމުގެ ގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން އަޅާފައިވާ ފިޔަވަޅު ތަކަކީ ކޮބައިތޯ ހާމަ ކުރުމަށާއި މިކަމާއި ގުޅޭގޮތުން އެ މިނިސްޓްރީން ކުރީ ކޮން މަސައްކަތެއްތޯ ހާމަކުރުމަށް ވެސް އެ ބަޔާނުގައި ގޮވާލާފައިވެއެވެ.
ސުކޫލްގެ މާހައުލަކީ ކުދިންނަށް ރައްކާތެރި މާހައުލެއްކަން ޔަޤީންކުރުމަށް ސްކޫލްތަކުގައި "ސޭފްޓީ އޯޑިޓް" އެއް ކުރިއަށް ގެންގޮސް ކުދިންނަށް ނުރައްކާހެން ހީވާ ކޮންމެ ކަމެއް ފާހަގަކޮށް އެކަންކަން އިސްލާހް ކުރުމަށް އެޅި ފިޔަވަޅުތައް ހާމަކުރުމަށް ގޮވާލާފައިވެއެވެ. ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތައް ތަންފީޒު ކުރަމުން ގެންދޭތޯ ބަލައި މޮނީޓަރ ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގައި ހާއްސަ އޮފިޝަލުން ކަނޑައެޅުމަށް ގޮވާލާފައި ވެއެވެ.
މީގެ އިތުރުން މި ހާދިސާ ހިނގި ސުކޫލުގެ އަދި އެހެން އެއްވެސް ސްކޫލެއްގެ ބެލެނިވެރިންނާއި މިިނިސްޓަރ އޮފް އެޑިއުކޭޝަން އަދި މިނިސްޓަރ އޮފް ޖެންޑަރ އާއި ފުލުހުންގެ ފަރާތުން ބައްދަލުކުރުމަށް ބޭނުންވެއްޖެ ހިނދެއްގައި އެބޭފުޅުންގެ ކަންބޮޑުވުން ފާޅުކުރުމަށް ފުރުސަތު ދިނުމަށާއި އަދި އެމީހުންގެ ހިޔާލުތައް ހޯދާ އިސްލާހީ ބަދަލެއް ސިސްޓަަމަށް ގެނައުމަށް ގޮވާލާފައިވެއެވެ.
މިފަދަ މައްސަލަތައް ތަހުޤީގުކޮށް ފިޔަވަޅު އަޅާއިރު މައްސަލައާއި ގުޅުންހުރި މީހުން މަޤާމުން ވަގުތީގޮތުން އެކަހެރި ކުރުމަކީ ބަދަލުގައި މިފަދަ މީހުނަށް ކުދިންނާއެކު މަސައްކަތް ކުރަންޖެހޭ އެއްވެސް ވަޒީފާއެއްގެ ފުރުސަތު އޮވެގެން ނުވާނެކަމަށް ރައިޒް އަޕް މޯލްޑިވްސް އިން ގޮވާލާފައިވެއެވެ.
ސުކޫލްތަކަށް މުވައްޒަފުން ނެގުމުގައި އެމީހުންގެ ބެކްގްރައުންޑް ރަނގަޅަށް ބަލާ ހޯދާފައި ވަޒީފާ ދިނުމަށް ގޮވާލާފައިވެއެވެ. އަދި މި މައްސަލައިގައި ރައިޒް އަޕް މޯލްޑިވްސް އަދި ސްކޫލްގެ ބެލެނިވެރިންގެ ފަރާތުން އެދެނީ ކަމާއިބެހޭ ހުރިހާ އިދާރާތަކުންވެސް ވީހާވެސް އަވަހަަކަށް މި ގޮވާލުމަށް އިޖާބަދީ، މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކާއި އެ ފަރާތްތަަކަށް ވާގިވެރިވާ އެންމެހައި ފަރާތްތައް އިންސާފުގެ ކުރިމައްޗައް ގެެނެސްދިނުމެވެ. އަދި މިކަމަކީ ކުޑަކުދިންނާއި ގުޅުން ހުރި ސީރިއަސް މައްސަލައެއް ކަމުގައި ވާއިރު، ކުޑަކުދިންގެ ހައްޤުތަކާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހަވާލުވެ ތިއްބެވި މުއައްސަސާތަކުން މިކަމާއި މެދު އިހުމާލުވަމުންދާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައިވެއެވެ.
ތަޢުލީމަކީ ކޮންމެ ކުއްޖެއްގެވެސް އަސާސީ ހައްޤަކަށްވާއިރު، ސުކޫލަކީ ދަރިވަރުންނަށް ރައްކާތެރިކަމާއި އަމާންކަން ލިބިގެންވާ މާޙައުލެއްކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަަވަޅުތަކެއް އެޅުމަށް ތަކުރާރުކޮށް ގޮވާލާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް