ތަމްރީނު ވެގެން ނުކުންނަ ނަރުހުންގެ އަދަދު މަދުވަނީ އެކަށޭނަ އުޖޫރައެއް ނުލިބި، އަގުވަޒަން ނުކުރެވެތީ ކަމަށް ހެލްތު އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މީރުމާ އިވެންޓްސް ގައި ބޭއްވި "ނާސިންގ އިން ދަ މޯލްޑިވްސް" ފޯރަމް ގައި ވާހަކަދައްކަވަމުން ނެވެ.
ހެލްތު މިނިސްޓަރ ވިދާޅުވީ އަހަރުން އަހަރަށް ތަމްރީނު ވެގެން ނުކުންނަ ނަރުހުންގެ އަދަދަށް ބަލާއިރު، ޚިދުމަތް ދޭ ތަންތަނުގައި މި އަދަދުތައް ފެންނަނީ ވަރަށް މަދުން ކަމަށެވެ. އަދި މިކަން މިހެން މެދުވެރިވާން ދިމާވާ ސަބަބު ހޯދަންޖެހޭ ކަމަށެވެ.
"މިކަން މިގޮތަށް ދިމާވުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ކުރާ މަސައްކަތާއި ނަގާ ރިސްކާއި އަޅާ ބަލާއިރު ނަރުހުންނަށް ލިބެން ޖެހޭ ރައްކާތެރިކަން ނުދެވުމާއި، ކުރާ މަސައްކަތާއި އެކަށޭނަ އުޖޫރައެއް ނުލިބުމާއި ނަރުހުންގެ މަސައްކަތް ބަލައިގަނެ އަގުވަޒަން ނުކުރެވުން ހިމެނޭ." މިނިސްޓަރ ވިދާޅުވި އެވެ.
ހެލްތު މިނިސްޓަރ ވިދާޅުވީ ނަރުހުންގެ ޚިދުމަތަކީ ސީދާ ބަލިމީހާ އާ ގުޅިފައިވާ ކަމެއްކަމަށާއި ނަރުހުންގެ މުހިންމުކަން އެންމެ ބޮޑަށް އިހުސާސްކުރެވުނީ ކޮވިޑް 19 ގެ ހާލަތާ ގުޅިގެން ކަމަށެވެ.
އެގޮތުން ދުނިޔޭގެ އެހެން ގައުމުތަކެކޭވެސް އެއްފަދައިން، ރާއްޖޭގައި ވެސް ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގައި ނަރުހުންގެ އަދަދު ބޭނުންވާ މިންވަރަށްވުރެ މަދުވެފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ކޮވިޑު ހާދިސާގެ ސަބަބުން ސިއްހީ ޚިދުމަތްތެރިންގެ އަދަދު އިތުރުކުރަން ޖެހޭކަން އެނގިގެން ދިޔަ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރ ވަނީ މިފަދަ ބޮޑު ކާރިސާއެއް މެނޭޖްކުރުމަށް ރެޔާއި ދުވާލު ވަރުބަލިކަމެއް ނެތި ޚިދުމަތްކޮށްދެއްވި ހީވާގި ނަރުހުންނަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް